މުވައްސަސާތަކުގެ ފެންވަރު ރަނގަޅުކުރަން ދިރާސާކުރަނީ
މުވައްސަސާތަކުގެ ފެންވަރު ރަނގަޅުކުރަން ނެޝެނަލް އިންޓެގްރިޓި ކޮމިޝަން(އެންއައިސީ)އާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ދިރާސާކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި، އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ.އާއިޝަތު ޝެހެނާޒް އާދަމްއެވެ. އަދި އެންއައިސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް ޝުއައިބު އަބްދުއްރަހްމާންއެވެ.
ދިރާސާކުރުމަށް ހާއްސަކުރެވިގެން ސޮއިކުރެވޭ މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ހެކިތެކުގެ އަލީގައި އަމަލީގޮތުން މަސައްކަތްތައްކުރުމާއެކު، މުވައްސަސާތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ދާއިރާއާ ގުޅޭ މައުލޫމާތު މުއްސަނދިކުރުން ކަމަށް ހަޔާއެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އެގޮތުން އެ އެއްބަސްވުމުގެ ދަށުން، ތަފާތު ރިސާޗް ޕްރޮގްރާމްތަކާއި، އޮން-ދަ-ޖޮބް ޓްރެއިނިން، ސެމިނާ، ވޯކްޝޮޕްތަކުގެ ފުރުސަތުތައް ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް ވެސް ބުންޏެވެ.
އެފަދަ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަތައް އިތުރުވެގެންދާނެ ކަމަށާއި އަދި ދިރާސާގެ އަލީގައި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ، ދިވެހިރާއްޖޭގެ މުސްތަގުބަލު ބިނާކުރުމުގެ މަގު ފަހިވެގެންދާނެކަމަށް ބުންޏެވެ.

