ކައުންސިލް އިންތިހާބުގެ ސެކިއުރިޓީ ބަލަހައްޓަން ކޮމާންޑަރުން ކަނޑައަޅައިފި
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހިންގުމަށް ހަމަޖެހިފައިވާ އޮޕަރޭޝަންގެ ކޮމާންޑަރުން ކަނޑައަޅައިފިއެވެ.
ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
ޕޮލިސް ކޮމިޝަނަރގެ އިއްޔެ މިއަދު ބޭއްވި ބައްދަލުވުމުގައި އިންތިހާބުގެ އެންމެހައި ކަންކަން އަމާންކަމާ އެކު ކުރިއަށް ގެންދިއުމަށާއި ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި އަމާން މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރުމަށް ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރިއެވެ.
އަދި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވަނީ ސެކިއުރިޓީ ކޮމާންޑަރުންނަށް ހަމަޖެއްސެވި ބޭފުޅުންނަށް ލިޔުން ހަވާލުކޮށްދެއްވައިފައެވެ.
އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރަަކަށް އައްޔަންކުރައްވައިފައި ވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފްއެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު އައްޔަންކުރައްވާފައިވާ އިރު، ޗީފް ޓެކްނޮލޮޖީ އޮފިސަރަކަށް އައްޔަންކުރައްވާފައި ވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާތިފްއެވެ. އަދި ޓެކްޓިކަލް ކޮމާންޑަރަކަށް އައްޔަންކުރައްވާފައި ވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުލްމަތީން އަބްދުލްކަރީމްއެވެ.

