ވަރަށް ބޮޑަށް ވައި ނުސާފުވެފައިވާތީ ސަމާލުވާން އެދިއްޖެ
ރާއްޖޭގެ ސަރަހައްދަށް، ހާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވައިނުސާފުވެފައިވާތީ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ސަމާލުވާން އެދިއްޖެއެވެ.
މެޓް އޮފީހުން މިއަދު ބުނީ ވޭތުވެދިޔަ 7 ދުވަހަށް ބަލާއިރު މީގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ މިއަދު ކަމަށެވެ. މެދުރާއްޖެތެރޭގައި ދުރު ފެންނަ މިންވަރު ވަނީ 1.5 ކިލޯމީޓަރަށް ވުރެ ދަށްވެފައެވެ.
ކުރިއަށް އޮތް 5 ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާ އެކު، ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެކަމަށް ބެލެވޭ ކަމަށް ވެސް މެޓުން ބުންޏެވެ.
"އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކުން އެޗްޕީއޭގެ އިރުޝާދުތަކަށް ސަމާލުވެލެއްވުމަށް އެދެން. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން ވެސް ދަތުރުކުރައްވާއިރު ހާއްސަ ސަމާލުކަމެއް ދެއްވުން އެދެން،" މެޓް އޮފީހުން ބުންޏެވެ.

