އަވަސް އެޕް މެދުވެރިކޮށް މިއަހަރުގެ ފިތުރު ޒަކާތް ދެއްކޭނެ
އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކުން ފަސޭހަކުރަން އަވަސް އެންޓަޕްރައިސްއާ އެކު މޯލްޑިވްސް ޒަކާތު ހައުސްއިން ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފަހުމުނާމާގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، ޒަކާތު ހައުސްގެ ފަންޑު މެނޭޖަރު އަބްދުﷲ އަލީއެވެ. އަދި އަވަސް ރައިޑް ވެސް ހިންގާ އަވަސް އެންޓަޕްރައިސަސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޔާނިއު ރަމީޒެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒަކާތް ދައްކާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ މަގުތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި އެ ފަހުމުނާމާގެ ދަށުން، އަވަސް އެންޓަޕްރައިސަސްގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މިއަހަރުގެ ރަމަޟާން މަހުން ފެށިގެން ރަސްމީކޮށް ފެށޭނެ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
އަވަސް އެންޓަޕްރައިސްގެ ދަށުން ހިންގާ އޮންލައިން ޕްލެޓްފޯމްތަކުގެ ތެރޭގައި އަވަސް ރައިޑާއި، ހޮޓާތަކާއި ރެސްޓޯރެންޓްތަކުން ކާބޯތަކެތި ގެންގޮސްދިނުމަށް ބޭނުންކުރާ އަވަސް ބައިޓްސް އެޕް ހިމެނެއެވެ.
ޒަކާތު ހައުސްއިން ބުނީ އިތުބާރު ހުރި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ބޭނުން ހިފައިގެން، ޒަކާތް ދެއްކުމުގެ ކަންކަން ފަސޭހަ، ދެފުށް ފެންނަ އަދި ހަލުވި ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަކީ ޒަކާތު ހައުސްގެ އަމާޒެއް ކަމަށެވެ.

