ފުވައްމުލަކު ނެރުމަތީ އޮއިގަދަވެ ރާޅު ބޮޑުވާތީ ސަމާލުވާން އެދިއްޖެ
މި ދުވަސްވަރު ފުވައްމުލަކުގެ ނެރުމަތީ އޮއިގަދަވެ ރާޅު ބޮޑުވެ މޫސުން ގޯސްވަމުން ދާތީ ބަނދަރަށް ވަދެ ނިކުމެ ހަދާއިރު ސަމާލުވުމަށް އެ ސިޓީގެ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން މި ފަދަ އިލްތިމާސެއް ކޮށްފައިވާ އިރު އޮއިގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން އެކި ހާދިސާތައް ދަނީ ހިނގަމުންނެވެ. އެ ގޮތުން ފުވައްމުލަކު ސިޓީ ނެރުމަތި ގަދަވުމުގެ ސަބަބުން ބަނދަރަށް ވަނުމަށް ދަތިވެފައި ތިބި ޑައިވިންގ ދޯނިތައް ބަނދަރަށް ވެއްދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އިއްޔެ ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ އެހީތެރިކަމުގައި 27ފަތުރުވެރިއަކު ރައްކާތެރިކަމާ އެކު ބަނދަރަށް ބާލައިދީފައި ވެއެވެ.
މީގެ އިތުރުން މި ދިޔަ ބުދަ ދުވަހު، ބަނދަރަށް ވަންނަން އުޅުނު ޑައިވިން ދޯންޏެއް ފަރުމައްޗަށް އެރުމުގެ ސަބަބުން އެ ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.

