ލޯކަލް ކައުންސިލް އިންތިހާބަށް އެކަށީގެންވާ ވަރަށް އޮފިޝަލުން ނުލިބޭ: އީސީ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެކަށީގެންވާ ވަރަށް އޮފިޝަލުން ނުލިބޭކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮޓީތަކުގެ އިންތިހާބުގައި މަސައްކަތްކުރާނެ 7000 އޮފިޝަލުން ހޯދަން އިއުލާން ކުރީ މިދިޔަ ނޮވެމްބަރުއެވެ. އަދި އެ މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު މިދިޔަ މަހުގެ 21ވަނަ ދުވަހާ ހަމައަށް ހުޅުވައިލިއެވެ.
އީސީގެ ރައީސް މުހައްމަދު ޒާހިދު ދައުލަތުގެ މީޑީއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަދިވެސް ބޭނުންވާ އަދަަދަށް އޮފިޝަލުން ނުލިބޭ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން އުއްމީދު މިކުރަނީ އެކަން އަޅުގަނޑުމެންނަށް ފުރިހަމަވެގެންދާނެ ކަމަށް" ޒާހިދު ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ އިންތިހާބަށް ތައްޔާރުވުމަށް މިހާރު އެންމެ ފަހުގެ މަރުހަލާތައް ފަށައިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތީ ރޯދަމަސް ކަމަށްވާތީއާ އެކު ދުވަސްތަކެއް ގެއްލޭތީ މަސައްކަތްތައް ދުރާލައި އަވަހަށް ފަށައިފައިވާ ކަމަށެވެ.
ޒާހިދު ވިދާޅުވީ މި ފަހަރުގެ އިންތިހާބަށް އޮފިޝަލުން ތަމްރީން ކުރުމަށް ފަހު ކޮންމެ އޮފިޝަލަކު ގެންގުޅޭނެ އަތްމަތީ ފޮތެއް ވެސް ތަައްޔާރުކޮށް ނިމިފައިވާ ކަމަށެވެ.

