ޚަބަރު

ރާއްޖޭގެ ސަފީރު ނަމާލްއާ ބައްދަލުކުރައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދު، ލަންކާގެ ޕާލަމަންޓް މެމްބަރު ނިމާލުއާ ބައްދަލުކުރައްވުން--

ދިވެހީންނަށް ލަންކާއިން ވިސާ ލިބުމުގައި ދަތިވާ މައްސަލަ ހޫނުވެފައި ވަނިކޮށް ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަސްއޫދު އިމާދު، ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނަމާލު ރާޖަޕަކްސައާ ބައްދަލުކުރައްވައިފިއެވެ.

Ads by STELCO

ނިމިގެން މިދިޔަ ހަފްތާގައި ލަންކާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އިމާދު ވަނީ ލަންކާއިން ދިވެހީންނަށް ވިސާ ދިނުމުގައި ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ ދޮން ނަސްލުގެ މީހުންނަށް ފަސޭހައިން ވިސާ ލިބޭއިރު ދިވެހީންނަށް ވިސާ ލިބެނީ އެތައް އިރަކު ކިއު ޖެހިގެން ކަމަށެވެ.

އެ މައްސަލަ ހޫނުވެފައި ވަނިކޮށް ލަންކާގެ އިދިކޮޅުގައި މިހާރު އޮތް އެސްއެލްޕީޕީ ޕާޓީގެ ފަރާތުން ގާނޫނު ހަދާ މަޖިލީހުގައި ތަމްސީލުކުރައްވާ މެމްބަރު ނަމާލް ރާޖަޕަކްސާ އެކްސްގައި ވިދާޅުވީ އެ ޕާޓީގެ އޮފީހުގައި މިއަދު އިމާދުއާ ބައްދަލުކުރައްވައިފައިވާ ކަމަށެވެ.

ނިމާލު ވިދާޅުވީ ގިނަ ދިވެހީންނަށް ލަންކާއަކީ ދެވަނަ ގެ ކަމަށާއި ދެ ގައުމުގެ ގުޅުން ވަރުގަދަކުރެވޭނީ ރަނގަޅަށް ވާހަކަ ދައްކައިގެން ކަމަށެވެ. އަދި އެއާ އެކު ދެ ގައުމުގެ ދެމެދުގައި ކަންކަމުގައި އެއްބަސްވުމަކަށް އައިސް ގުޅުން ހަރުދަނާ ކުރެވޭނެ ކަމަށެވެ.

އަދި އެއާ އެކު ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް ވެސް ނަމާލް ވިދާޅުވިއެވެ.

ރާއްޖޭގެ ސަފީރުގެ ވާހަކަތަކާ ގުޅިގެން ލަންކާގެ ސަރުކާރުން އަދި ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެއެވެ.

ބޭސް ފަރުވާއަށާއި ޗުއްޓީ ހޭދަކޮށްލުމަށާއި އަދި ތައުލީމު ހާސިލުކުރުމަށް ގިނަ އަދަދެއްގެ ދިވެހީން ލަންކާގައި ދިރިއުޅެއެވެ.