ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ޝަމާހު ވަކިކޮށްފި
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު ޝަމާހު ރަޝީދު ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑުން މިއަދު މެންދުރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޝަމާހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަގާމުން ވެސް މިއަދު ވަކިކޮށްފައިވާ ކަމަށެވެ.
އޭގެ ސަބަބެއް ޕީސީބީއިން ވެސް ސަރުކާރުން ވެސް ހާމައެއް ނުކުރެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި ހުސެއިން ފަހުމީ ވަކިކޮށް ޝަމާހު އެ މަގާމަށް އައްޔަނުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.
ޝަމާހު 2024 ވަނަ އަހަރުގެ މޭ މަހާ ހަމައަށް ހުންނެވީ މިފްކޯގެ ސީއީއޯގެ މަގާމުގައެވެ. ނަމަވެސް އޭގެ ފަހުން އެ މަގާމުން ވަކިކޮށް އޭނާ ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ވެސް އައްޔަނުކުރިއެވެ.

