ސަރުކާރުގެ ޓެކްސީ ހިދުމަތަށް ޑްރައިވަރުން ހޯދަން ވޯކިން އިންޓަވިއުއެއް
ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތަށް ޑްރައިވަރުން ހޯދަން ވޯކިން އިންޓަވިއުއެއް ބާއްވަން ނިންމައިފިއެވެ.
މި ހިދުމަތް ދިނުމަށް ހަވާލުކޮށްފައި ވަނީ މިހާރުވެސް މާލެ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދެމުންދާ އެމްޓީސީސީއާއެވެ. އެމްޓީސީސީއިން ކުރި އިއުލާނެއްގައި ބުނީ މާލެ ޓެކްސީ ސާވިސްގައި މަސައްކަތް ކުރާނެ ޕާޓް ޓައިމް ޑްރައިވަރުން ހޯދަން ބޭނުންވާ ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 6:00 އަށް މާފަންނު ބަސް ޓާމިނަލަށް ހާޒިރުވެ، އިންޓަވިއު ދިނުމަށް ވަނީ އިއުލާނުކޮށްފައެވެ.
ސަރުކާރުގެ ޓެކްސީ ހިދުމަތަށް 407 ޑްރައިވަރުން ހޯދަން މިދިޔަ ނޮވެމްބަރު މަހު އެމްޓީސީސީއިން އިއުލާނު ކުރިއެވެ. އެ ފުރުސަތުގައި ކުރިމަތިލީ 366 މީހުންނެވެ.
ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭން އުޅޭތީ ޓެކްސީ ޑްރައިވަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެމީހުން ބުނަނީ، އެއީ އެމީހުންގެ ވިޔަފާރިއަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

