ރިޝްވަތު ހިފައި، ތިމާއަށް ލިބިފައިވާ އިންތިހާބީ ހައްގު ގެއްލުވައި ނުލުމަށް އޭސީސީން ގޮވާލައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރިޝްވަތު ހިފައި، ތިމާއަށް ލިބިފައިވާ އިންތިހާބީ ހައްގު ގެއްލުވައި ނުލުމަށް އޭސީސީން މިއަދު ގޮވާލައިފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހު ބާއްވަން ތާވަލުކޮށްފައިވާ އިރު އިންތިހާބުގައި އަމިއްލަ ގޮތުންނާއި ޕާޓީތަކުގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުން، އެފަރާތްތަކަށް ދާއިރާގެ ވޯޓުލާ މީހުންގެ ތާއީދު ހޯދުމުގެ މަސައްކަތް ފޯރިއާ އެކު މި ދުވަސްވަރު ދަނީ ކުރަމުންނެވެ.
އެކަމަށް އިޝާރާތްކޮށް އޭސީސީން މިއަދު ބުނީ ރާއްޖޭގައި ބާއްވާ އާންމު އިންތިހާބުތަކުގައި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައްޔާއި ވޯޓު ދިނުމުގެ ހައްގު އަދާކުރުމުގައި ރިޝްވަތުގެ މުއާމަލާތްތައް ހިނގާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެފަދަ މައްސަލަތައް އިތުރުވަމުން ދިއުމަކީ ދައުލަތުގެ މުވައްސަސާތަކާއި އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަމެއް ކަމަށާއި އިންތިހާބާ ގުޅޭ ނިންމުންތައް ނިންމުމުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަކީ ވަރަށް މުހިންމުކަމެއްކަން އޭސީސީން ފާހަގަކުރިއެވެ.
އޭސީސީން ބުނީ ރިޝްވަތުގެ މުޢާމަލާތްތަކުގެ ތެރެއިން ވޯޓު ގަނެގެން މަގާމުތަކަށް އިންތިހާބުވުމަށް ވިސްނާ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެ ހަގީގީ ބާރުވެރިކަން ރައްޔިތުންގެ އަތުން ނިގުޅައިގަނެ، ހަމައެކަނި އެފަދަ ފަރާތްތަކުގެ އަމިއްލަ މަސްލަހަތަށް މަސައްކަތްކުރާ ބައެއް ކަމަށެވެ.

