ޚަބަރު

ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރަން ޔޫއޭއީއާއެކު މަޝްވަރާކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރަން ޔޫއޭއީއާ އެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްފިއެވެ.

Ads by STELCO

އެ މަޝްވަރާތައް ކުރިއަށް ދިޔައީ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އޭޖެންސީ (އައިރީނާ)ގެ 16 ވަނަ އެސެމްބްލީގެ ހަވާސާގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ޔޫއޭއީގެ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. އާމިނާ އަލް ދަހާކްއާ އެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންއެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ. ހާއްސަކޮށް ސާފު ހަކަތަ އުފެއްދުން އަވަސްކުރުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް ކެތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ދެ މިނިސްޓަރުން ހިޔާލު ބަދަލުކުރެއްވިއެވެ.

އޭގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ހަރުދަނާކޮށް، ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން، އެ ފަދަ ބައިނަލްއަގުވަމީ ބައްދަލުވުންތަކުގައި ރާއްޖެއިން އަންނަނީ ވަރަށް އިސް ދައުރެއް އަދާކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!