ޚަބަރު

މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށް، ކޯޓަށް ހާޒިރުކުރުމުން ބުނީ ނަފްސާނީ ބަލި މީހެއް ކަމަށް!

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުުރުކުރުމަށް ކޯޓަށް ހާޒިރުކުރި މީހަކު، އޭނާއަކީ ނަފްސާނީ ބަލި މީހެއް ކަމަށް ބުނެ ގޭ ބަންދަށް ދޫކޮށް ދިނުމަށް އެދެފިއެވެ.

Ads by STELCO

ބަންދުގެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު އިތުރުކުރުމުން ނަފްސާނީ ބަލިމީހެއް ކަމަށް ބުނެ ބަންދުން ދޫކޮށްދޭން އެދުނީ މި މަހުގެ 5ވަނަ ދުވަހު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުންގެ ތެރެއިން ހ. ސަކީނާމަންޒިލް / މާލެ، މުޙައްމަދު ރާޢިދު ޢަލީ އަޞްޣަރު (31އ)އެވެ.

ކްރިމިނަލް ކޯޓްގައި ރާއިދުގެ ފަރާތުން ބުނެފައި ވަނީ އޭނާއަކީ ނަފުސާނީ ބަލި މީހެއް ކަމަށާއި އެހެން މީހަކު އޭނާގެ ފަރާތުން މަންފާއެއް ހޯދުމަށް ކުރިން ވެސް އޭނާ ބޭނުންކޮށް، ކުށް ކުރުވާފައިވާ ކަމަށް އޭނާ ބުނެފައިވާކަމަށް ކޯޓު އަމުރުގައިވެއެވެ. ނަމަވެސް މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބަލައި، ބަންދުން ދޫކުރަން ޖެހޭ ސަބަބެއް ނެތްކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ ރާއިދާއި މި މައްސަލައިގައި ހައްޔަރުކުރި ގދ. މަޑަވެލި / ވަލުތެރޭގެ، މުޙައްމަދު އީވާން ޙާމިދު (23އ) ބަންދަށް އިތުރު 30 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.

އޮޕަރޭޝަން އަލިމަގުގެ ނަމުގައި ފުލުހުން ހިންގާ މި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އެ ތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ މީހުން ހައްޔަރަށް ގެންދަމުން އެބަދެއެވެ. އެ ގޮތުން ގއ.ވިލިނގިލިން ވެސް މި މަހުގެ 11ވަނަ ދުވަހު ފަސް މީހަކު ހައްޔަރުކޮށްފައި ވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ފަސްމީހުންގެ އެކައުންޓްތަކުގައި ވޭތުވެދިޔަ ފަސްއަހަރު 300މިލިއަން ދިވެހި ރުފިޔާ ދައުރުވެފައި ވެއެވެ.