ބަނގްލަދޭޝްގެ ނިންމުން ބަދަލުކޮށްފި، ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ
ބަނގްލަދޭޝްގައި އަންނަ މަހު އޮންނަ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑާލަން ނިންމި ނިންމުން ބާތިލުކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އަންނަ މަހުގެ 12ވަނަ ދުވަހު އޮންނަ ބަނގްލަދޭޝްގެ އާންމު އިންތިހާބާ ގުޅިގެން، ޖެނުވަރީ 15އިން ފެބްރުއަރީ 15ގެ ނިޔަލަށް އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑާލަން އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އޭގެ ފަހުން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑައިލަން ނިންމި ނިންމުން އަނބުރާ ގެނެސްފައިވާކަން އެގައުމުގެ ސަރުކާރުން މިހާރު އަންގައިފައިވާ ކަމަށެވެ.
"އެހެންކަމުން ބަނގްލަދޭޝްއަށް ދަތުރުކުރައްވާ ދިވެހިންނަށް ކުރިއެކޭ ވެސް އެއްގޮތަށް، އޮން-އެރައިވަލް ވިސާ ލިބޭނެ،" މިނިސްޓްރީން ބުންޏެވެ.
ބަނގްލަދޭޝްގައި އޮންނަ އެ އިންތިހާބަކީ، މިދިޔަ އަހަރު އެ ގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ވެއްޓުމަށް ފަހު ބާއްވާ ފުރަތަމަ އިންތިހާބެވެ. ދަރިވަރުންތަކެއް އިސްވެ ކުރި މުޒާހަރާއެއްގެ ތެރެއިން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، އެންމެ ފަހުން ހަސީނާއަށް ޖެހުނީ އިސްތިއުފާ ދޭށެވެ.
ހަސީނާގެ މައްޗަށް ގިނަ ދައުވާތަކެއް ސާބިތުވި ނަމަވެސް, އެކަމަނާ ހުންނެވީ އިންޑިއާގެ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައެވެ.

