ޚަބަރު

އައްޑޫގައި ހަރަކާތްތެރިވާ ގުރޫޕެއް 'ގޭންގް'އެއް ކަމަށް ކަނޑައަޅަން ޕީޖީން ކޯޓަށް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ޕީޖީ އޮފީސް/ ފޮޓޯ: އެޓޯލްސް ޓައިމް

އައްޑޫސިޓީ ހިތަދޫގައި ހަރަކާތްތެރިވާ "ސްކޫޕް" ނަަމަކަށް ކިޔާ ގުރޫޕަކީ އިންތިޒާމްވެފައިވާ ކުށްކުރާ ގުރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އެދިއްޖެއެވެ.

Ads by STELCO

ޕީޖީ އޮފީހުން މިއަދު ބުނީ ފުލުހުން ހުށަހެޅި ހުށަހެޅުމަކާއި، ލިބިފައިހުރި ހެކިތައް ދިރާސާކޮށް ބެލިއިރު "ސްކޫޕް" ގުރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުމުގެ ގާނޫނުގެ ދަށުން "އިންތިޒާމްވެފައިވާ ކުށްކުރާ ގުރޫޕެއް"ގައި ހުންނަންޖެހޭ ޝަރުތުތައް ފުރުހަމަވާ އަދި މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕެއްކަމަށް ފެންނަ ކަމަށެވެ.

އެހެންކަމުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، "ސްކޫޕް"، "ސްކޫޕް ކަންމަތި" ނުވަތަ "SKP” ގުރޫޕަކީ "ގޭންގް"އެއް ކަމަށް ކަނޑައަޅައިދީ، އެ ގުރޫޕަށް ނިސްބަތްވާ މީހުންކަމަށް ފާހަގަކުރެވިފައިވާ 9 މީހަކު އެ ގްރޫޕްގެ މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ ހުށަހެޅުމާއެކު، އެ ގްރޫޕަށް ނިސްބަތްވާ ސްޕޯޓްސް ކްލަބެއް ކަމަށްވާ "އެސްކޭޕީ ސްޕޯޓްސް ކްލަމް" އުވާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްގެ މައްޗަށް އަމުރުކޮށްދެއްވުމަށާއި، "ސްކޫޕް"، "ސްކޫޕް ކަންމަތި" ނުވަތަ "SKP” ލިޔެފައިވާ ފާރުތަކާއި، އެންމެގައި ތަންތަނުން އެ ނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް ކޯޓުގައި ޕީޖީ އޮފީހުން ވަނީ އެދިފައެވެ.

ޕީޖީ އޮފީހުން ބުނީ މިއީ ގޭންގު ކުށްތަކާ ބެހޭ އާ ގާނޫނަށް އަމަލުކުރަން ފެށިފަހުން ގޭންގެއްކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް ހުށަހަޅަން ފުލުހުން ހުށަހެޅި ދެވަނަ ހުށަހެޅުން ކަމަށެވެ. ފުރަތަމަ ހުށަހެޅުން ބަލައިގެންފައި ނުވަނީ ގޭންގެއް ކަމަށް ކަނޑައެޅުމަށްޓަކައި ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާކަމަށް ސާބިތުކުރުމަށް ބޭނުންވާ ތަހުގީގު ފުރިހަމަވެފައި ނުވާތީ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

މިއީ އިންތިޒާމްވެގެން ކުށްކުރާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލައެވެ.

Ads by Ooredoo