އެންސީއައިޓީ އުވާލައި މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައިފި
ސަރުކާރުގެ ޑިޖިޓަލް ޓެކްނޮލޮޖީއާ ގުޅޭ ކަންކަން ބަލަހައްޓަމުން އައި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ(އެންސީއައިޓީ) އުވާލައި މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ނަމުގައި އާ އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
އެކަން ސަރުކާރުން އިއުލާންކުރީ މިއަދު ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައެވެ.
އެގޮތުން "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" އިދާރާ ހިންގަނީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މޯލްޑިވްސް ޑިޖިޓަލް ސަރވިސް އުފެއްދުމާއެކު މި ސަރުކާރުން އެކުލަވާލައިފައިވާ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ އަދާކުރާ އެންމެ އިސް އިދާރާގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން، އެންސީއައިޓީން މިހާތަނަށް ކުރަމުން ގެންދިޔަ މަސައްކަތްތައް ދެން ކުރިއަށް ގެންދާނީ މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މޯލްޑިވްސް 2.0 ދަށުން މުޅި ދައުލަތުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ވަނީ އަމާޒުހިފައިފައެވެ.

