ލައިފްސްޓައިލް

ކުދިންގެ ސްކޫލް ފޮތް ދަބަހުގައި ހުންނަން ޖެހެނީ ކިހާ ބަރުދަނެއް؟

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

ސްކޫލް ކުދިންގެ ފޮތް ދަބަސް ބަރުވުމަކީ އަބަދުވެސް ކުރާ ޝަކުވާއެކެވެ. ހާއްސަކޮށް ޕްރައިމަރީ ގްރޭޑް ކުދިންގެ ފޮތް ދަބަސް ވަކިން ބަރެވެ. ދަބަސް ބަރުވުމުގެ ސަބަބުން ކުދިންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ވެސް ގިނައެވެ.

Ads by STELCO

އިންޑިއާގެ ސައިފީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ސްޕައިން އެންޑޮސްކޮޕިސްޓް، ޑރ. އަގަމް ގާރިޔާ ވިދާޅުވަނީ ކުޑަކުދިންގެ ފޮތް ދަބަސް ވަކިވަރަކަށް ވުރެ ބަރުވުމަކީ އެކުދިންގެ މައިބަދައަށް ގެއްލުން ލިބިދާނެ ކަމެއްކަމަށެވެ.

އެގޮތުން 3-5 އަހަރުގެ ކުދިންގެ ފޮތް ދަބަސް 700 ގްރާމަށް ވުރެ ބަރުވެގެން ނުވާނެއެވެ. އަދި 6-8 އަހަރުގެ ކުދިންގެ ފޮތް ދަބަސް 900 ގްރާމަށް ވުރެ ބަރުވެގެން ނުވާނެއެވެ. 9-12 އަހަރުގެ ކުދިންގެ ފޮތް ދަބަސް ހުންނަން ވާނީ 1.2 ކިލޯއަށް ވުރެ ބަރު ނުވާ ގޮތަށެވެ. އަދި 13-15 އަހަރުގެ ކުދިންގެ ފޮތް ދަބަސް 2 ކިލޯއަށް ވުރެ ބަރުވެގެން ނުވާނެ ކަމަށް ޑރ. އަގަމް ވިދާޅުވެއެވެ.

އެގޮތަށް ބަރުދަން ކަނޑައަޅާފައި ވަނީ އެކި އުމުރުފުރާގެ ކުދިންގެ ގައިގައި އާންމުކޮށް ހުންނަ ބަރުދަނަށް ބަލައިފައެވެ. އެގޮތުން ފޮތް ދަބަހުގައި އާންމުކޮށް ހުންނަންވާނީ އެ ކުދިންގެ ބަރުދަނުގެ 15 ޕަސެންޓަށް ވުރެ ދަށްކޮށެވެ. އެހެން ނޫން ނަމަ، މައިބަދަ އިންބެލެންސްވުމާއި އިތުރު މަސްކުލަސްކެލެޓަލް އިޝޫތައް ދިމާވާނެ ކަމަށް ސިއްހީ މާހިރުންނާ ހަވާލާދީ ޑރ. އަގަމް ވިދާޅުވެފައިވެއެވެ.

ކުދިންގެ ކޮނޑުގައި ފޮތް ދަބަސް ރަނގަޅަށް އެޅުވުމަކީ ވެސް މުހިންމު ކަމެކެވެ. އެގޮތުން ދަބަސް ހުންނަންވާނީ ކުދިންގެ އުނaގަނޑުން 4-6 އިންޗި މަތީގައެވެ. އަދި ދަބަހުގެ ވާގަނޑު ހުންނަންވާނީ ކުއްޖާގެ ހަށިގަނޑު ސީދަލަށް ހުންނާނެހެން ރަނގަޅަށް ބާރުކޮށްފައެވެ. އޭގެ ސަބަބުން ހަށިގަނޑު ކުރިމައްޗަށް ބަޅުވެ، މައިބަދައިގެ މައްސަލަތައް ޖެހުމުން ދުރުކޮށްދެއެވެ. އަދި ދަބަސް އަޅުވައިގެން ހިނގާއިރު ހަށިގަނޑު ސީދަލަށް ދަމާލައިގެން ހުންނަން ބެލެނިވެރިން ވެސް ކުދިންނަށް ހަނދާންކޮށްދިނުމަކީ މުހިންމު ކަމެކެވެ.

ސިއްހީ މާހިރުން ލަފާދޭ ގޮތުގައި ކުދިންނަށް ގަނެދޭންވާނީ ކޮނޑުމަތީ ސްޕަންޖް ލާފައި، ވާގަނޑު ފުޅާކޮށް ހުންނަ ދަބަހެވެ. އޭގެ ސަބަބުން ކޮނޑަށް ކުރާ ބާރާއި ކަރަށް ތަދުވުން ކުޑަކޮށްދޭނެއެވެ.

އާ އަހަރުގެ ކިޔެވުން ފެށެން ކައިރިވަމުންދާއިރު، ކުދިންނަށް ފޮތް ދަބަސް ގަންނައިރު މިއީ ބެލެނިވެރިން ސަމާލުކަން ދިނުން މުހިންމު ކަމެކެވެ.

  1. ކޯކްޒީރޯ

    އެމްސެވަން ސައްތާރު ތިކަމާއުޅޭހާ ހިނދަކު ރަނގަޅެއް ނުވާނެ