ޚަބަރު

އަތޮޅު ހޮސްޕިޓަލުތަކަށް ބޭނުންވާ ލޯންޗުތައް މި މަހު ފޮނުވައި ނިމޭނެ: ހެލްތު މިނިސްޓަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އަމިއްލަ ލޯންޗު މިހާރު ނެތް އަތޮޅު ހޮސްޕިޓަލުތަކަށް ބޭނުންވާ ލޯންޗުތައް މިމަހުގެ ނިޔަލަށް ފޮނުވައި ނިމޭނެކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެެއެވެ.

Ads by STELCO

ހެލްތު މިނިސްޓަރު ވިދާޅުވީ އަތޮޅުތަކުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެ މުހިންމު ސިޔާސަތަކީ އަތޮޅު ހޮސްޕިޓަލްތަކުން ސިއްހީ މަރުކަޒުތަކަށް ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.  އަދި އެކަން ހަރުދަނާކޮށް ގެންދިޔުމަށް ޓަކައި ކޮންމެ އަތޮޅު ހޮސްޕިޓަލެއްގައި އަދި ރީޖަނަލް ހޮސްޕިޓަލެއްގައި ވެސް ދަތުރު ކުރެވޭނެ ނިޒާމެއް ގާއިމުވެފައި އޮތުން މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެގޮތުން  މިހާރު ލޯންޗު ލިބިފައި ނެތް އަތޮޅުތަކަށް ލޯންޗު ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން ލޯންޗު ލިބިފައި ނެތް ހަތް އަތޮޅެއްގެ ލޯންޗު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިމަހުގެ ނިޔަލަށް ލޯންޗު ނެތް ހުރިހާ އަތޮޅަކަށް ލޯންޗު ފޮނުވައި މަސައްކަތް ނިމެނޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިޖަނަވަރީ މަސް ނިމުމުގެ ކުރިން މި ދެންނެވި ހަތް އަތޮޅަށް ލޯންޗު ފޯރުކޮށްދެވޭނެ. މިއަދު އަޅުގަނޑުމެން މި ފޯރުކޮށްދިނީ ދެ އަތޮޅަކަށް ބޭނުންވާ ލޯންޗު އެއީ ހުވަދުއަތޮޅުގެ ވަރަށް އަވަހަށް ދާލު އަތޮޅަށް ވެސް ފޯރުކޮށްދެވޭނެ. ބާކީއިން 4 އަތޮޅުތަކަށް މި މަސް ނިމުގެ ކުރިން ފޯރުކޮށްދެވޭނެ. މިކަމުގެ ސަބަބުން އަޅުގަނޑުމެން އައުޓްރީޗް ޕްރޮގްރާމްތައް މިގެންގުޅޭ މަސައްކަތައް ލުއިކަން ލިބިގެންދާނެ. ހާއްސަކޮށް ސީ އެމްބިއުލާންސް ނުލިބިގެން އުޅޭ ހާލަތެއްގައި ކުރަން ޖެހޭ ދަތުރުތައް މި ލޯންޗުތަކުން ކުރެވިގެންދާނެ" މިނިސްޓަރު ވިދާޅުވިއެވެ.

އެ ހަތް ލޯންޗްގެ ތެރެއިން 3 ލޯންޗެއް މިހާރު ވަނީ މާލެ ވެސް ގެނެސްފައެވެ. ފުވައްްމުލަކާއި ހުވަދު އަތޮޅު ފިޔަވައި ހުރިހާ އަތޮޅަކަށް ވެސް ފޯރުކޮށްދެނީ 38 ފޫޓުގެ ދިގުމިނުގެ ލޯންޗުތަކެވެ. ހުވަދު އަތޮޅު އަދި ފުވައްމުލަކަށް ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ 42 ފޫޓުގެ ބޮޑެތި ސްޕީޑް ލޯންޗުތަކެކެވެ.

އެ ލޯންޗުތައް ފޯރުކޮށްދެނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ހެލްތު މިނިސްޓްރީއާއި ގުޅިގެން ކުރިޔަށްގެންދާ، އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ ޕްރޮޖެކްޓްގެ ދަށުންނެވެެ.

Ads by Ooredoo