ވޯޓާސް ލިސްޓަށް 600އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް 600އަށް ވުރެ ގިނަ ޝަކުވާ މިހާތަނަށް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންއިން މިއަދު ބުނެފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ތާވަލުކޮށްފައި ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހަށެވެ. އަދި ވޯޓު ލެވޭ މީހުންގެ ރަޖިސްޓްރީ އާންމުކޮށް އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ހަތްވަނަ ދުވަހު އޮތީ ހުޅުވައިލައިފައެވެ. އެއީ މިއަދުގެ މެންދުރު ތިނެއް ޖެހުމާ ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަންއިން ބުނީ މިއަދު މެންދުރު 12 ޖެހުމާ ހަމައަށް 639 ޝަކުވާ ވަނީ ލިބުނު ކަމަށެވެ.
އޭގެ ތެރޭގައި ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކޮށް ރަށްވެހިކަން ބަދަލުވެފައިވާތީ އަދި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ އެ ނަން ރަޖިސްޓަރީއިން އުނިކުރުމަށް ލިބިފައިވާ ޝަކުވާތައް ހިމެނޭ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ޝަކުވާ ހުށަހަޅާއިރު ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މަޢުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން ވެސް ޖެހެއެވެ.
ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ އޮތީ ހުޅުވައިލައިފައެވެ.

