ޚަބަރު

ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިޔުމަށް އައިޖީއެމްއެޗުން އެދިއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މި ދުވަސްވަރު އަރިދަފުސް ރޯގާ، ބޭރަށް ހިންގުން އަދި ޑެންގީހުން އިތުރުވަމުން ދިޔުމާ ގުޅިގެން، ކޮންމެހެން ބޭނުން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން އިލްތިމާސްކޮށްފިއެވެ.

Ads by STELCO

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި، ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، އަމަލުކުރުން މުހިންމު ގިނަ ކަންތައްތަކެއް އާންމުންގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އޭގެ ތެރޭގައި ރޯގާގެ އަލާމަތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް އެދި ހޮސްޕިޓަލަށް ވަޑައިގަންނަވާއިރު މާސްކް އެޅުމާއި އުމުރުން ދުވަސްވީ މީހުން، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން، ކުޑަކުދީން، މާބަނޑުމީހުން އަދި ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއި ސާފުތާހިރުކަމަށް އިސްކަން ދިނުމާއި ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުން ނުވަތަ ހޭންޑް ސެނިޓާއިޒަރ ބޭނުންކުރުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން މަދިރި އާލާވާ ފަދަ ފެން ހަރުލާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

ހުމާއި ރޯގާ ފެތުރުން އިތުރުވެފައިވާތީ އެކަމަށް ހާއްސަކޮށްގެން އައިޖީއެމްއެޗްގައި ވަނީ ފްލޫ ކްލިނިކެއް ވެސް ހުޅުވައިފައެވެ. ޑޮކްޓަރަށް ދެއްކުމާއި ލޭ ނެގުމުގެ ހިދުމަތް ދޭ އެ ކްލިނިކުން ކޮންމެ ދުވަހެއްގެ ހެނދުނު 10އިން ރޭގަނޑު 10ޖަހަންދެން ޚިދުމަތް ދޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!