އޭޑީކޭގެ އިންޓާންޝިޕްގައި ބައިވެރިވި ފުރަތަމަ ދިވެހި ދަރިވަރުން ޕްރޮގްރާމް ފުރިހަމަކޮށްފި
ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދަން އޭޑީކޭގައި ކުރިއަށް ގެންދިޔަ ފުރަތަމަ އިންޓާންްޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ އޭޑީކޭއިން އިންޓާންޝިޕް ޕްރޮގްރާމް ފެށިފަހުން ޕްރޮގްރާމް ފުރިހަމަކުރި ދިވެހި ދަރިވަރުންގެ ފުރަތަމަބެޗެވެ.
18ޖެނުއަރީ 2025އިން 16ޖެނުއަރީ 2026އަށް، 52ހަފުތާގެ މުއްދަތަށް އޭޑީކޭ ހޮސްޕިޓަލުގެ ޝަފީއާ އިންސްޓިޓިއުޓް އޮފް ހެލްތް (އެސްއައިއެޗް)ގައި ކުރިއަށްގެންދިޔަ މި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ، ބޭސްފަރުވާގެ މައިގަނޑު ދާއިރާތަކުންނާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުން ފުރިހަމަ ޢަމަލީ ތަޖުރިބާ ލިބޭނޭހެން ބައްޓަންކުރެވިފައިވާ ޕްރޮގްރާމެކެވެ.
އެ އިންޓާންޝިޕް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް ޖުމްލަ 18މެޑިކަލް އިންޓާނުންނަށް ވަނީ ހަވާލުކޮށްފައެވެ.
އޭގެ ތެރޭގައި 7ތަފާތު ގައުމަކުން ކިޔަވައިގެން އައި ދަރިވަރުން ހިމެނެއެވެ. އެއީ މެލޭޝިއާ، ޗައިނާ، ބެލަރޫސް، ފިލިޕީންސް، ޖޯޖިއާ، ޔޫކްރެއިން އަދި ރަޝިއާއެވެ.
އެ އިންޓާންޝިޕް ޕްރޮގްރާމުގައި ހޮސްޕިޓަލުގެ މައިގަނޑު ކްލިނިކަލް ދާއިރާތަކުގެ ތަމްރީނުތަކުގެ އިތުރުން، ނަފްސާނީ ބަލިތަކާ ބެހޭ ހާއްސަ ތަމްރީނެއް ވެސް ހިމެނެ އެވެ. އެ ބައި ނިންމާލުމުގެ ގޮތުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އިންޓާނުން ޒިޔާރަތެއް ވެސް ކުރިއެވެ.
އޭގެ އިތުރުން، ބ. އަތޮޅާއި ރ. އަތޮޅަށް އަމާޒުކޮށްގެން ދެ ބަޔަކަށް ބަހާލައިގެން ދެ ހަފުތާގެ މުއްދަތަށް އިޖުތިމާއީ ސިއްހީ ހިދުމަތުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދިޔައެވެ.

