ޚަބަރު

ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އިމްތިތާއު އައްޔަންކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މިދިޔަ އަހަރު ފާސްކޮށް ތަސްދީގުކުރި ޒަކާތުގެ ގާނޫނުގެ ދަށުން އެކުލަވައިލި ޒަކާތު ކައުންސިލުން، މޯލްޑިވްސް ޒަކާތު ހައުސްގެ އައު ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޝައިޚް އިމްތިތާއު އައްބާސް އައްޔަންކޮށްފިއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން ބުނީ އިމްތިތާއު އެ މަގާމަށް އައްޔަންކުރީ އެ މަގާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއުކުރުމަށް ފަހު، އެ ފަރާތްތަކުގެ ގާބިލުކަމާއި ތައުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް، މަގާމަށް އައްޔަންކުރުމަށް އެންމެ ރަނގަޅު ފަރާތަކީ އެ ބޭފުޅާކަމަށް ޒަކާތު ކައުންސިލުން ނިންމުމުންނެވެ.

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމަށް އައްޔަންކުރުމާ ހަމައަށް އިމްތިތާއު ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ. އޭނާ ކުރިން ، އިސްލާމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމާއި، ހެޑް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް ފަދަ އިސް މަގާމުތަކާއި ލަފާއަރުވާ ރޯލުތައް އޭނާ އަދާކުރައްވާފައި ވެއެވެ.

އޭގެ އިތުރުން ޒަކާތު ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ޒަކާތު ހައުސްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ވައިސް ޗެއަރގެ މަގާމު ވެސް އިމްތިތާއު ވަނީ އަދާކުރައްވައިފައެވެ.

އިމްތިޠާއުއަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ޖުޑީޝަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން ހަދީސް ސައިންސަސް އެންޑް އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާ އިރު، މިހާރު ގެންދަވަނީ އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާވިދާޅުވަމުންނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!