ޚަބަރު

ޗާގޯސް ލިބުން އެންމެ ހައްގު ވަނީ ރާއްޖެއަށް ކަމަށް ރައީސް އަނެއްކާ ވެސް ވިދާޅުވެއްޖެ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހުގައި

ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް ރަށްތަކުގެ މައްޗަށް، ތާރީހުން ބެލިޔަސް އެންމެ ބޮޑު ހައްގެއް އޮތް ގައުމަކީ ރާއްޖެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

އިނގިރޭސިވިލާތުގެ ޑެއިލީ އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ޗާގޯސްގެ ތާރީހަށް ބެލިޔަސް، ރާއްޖެއާ އެކު އޮތް ގުޅުން ސާފުކޮށް ފެންނަން އޮންނާނެ ކަމަށެވެ.

އެގޮތުން، ޗާގޯސްއިން ދިވެހި ބަހުން ލިޔެފައި ހުރި މަހާނަގައު ވެސް ފެނިފައިވާއިރު، އެ ތަނުގައި އޭރުގެ ވަޒަންވެރިންނާއި ރާއްޖެއާ އޮތް ގުޅުންތައް ތާރީހުގައި ލިޔެވިފައި ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގު ވަނީ ރާއްޖެއަށްކަން ގަބޫލުރައްވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން، ޗާގޯސްއާ ގުޅޭގޮތުން ރާއްޖޭން ގެންގުޅޭ ވިސްނުމާއި ކަންބޮޑުވުންތައް ރަސްމީކޮށް އިނގިރޭސި ސަރުކާރާ ހިއްސާކޮށްފައިވާކަން ވެސް ރައީސް ވަނީ އެ އިންޓަވިއުގައި ފާހަގަކުރައްވައިފައެވެ.

އިނގިރޭސިވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ވަކިކޮށް، ގާއިމްކުރި އަސްކަރީ މަރުކަޒު އެމެރިކާއަށް ކުއްޔަށް ދޭން ނިންމާފައި ވަނީ 1965ވަނަ އަހަރުއެވެ. ނަމަވެސް އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން މިހާރު އޮތީ ނިންމައިފައެވެ.

މި އެއްބަސްވުމުގެ ސީދާ ތަފްސީލުތައް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މޮރިޝަސްއަށް ޗާގޯސް އަނބުރާ ދިނަސް، އެ ޖަޒީރާގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ ނުވަތަ ފޯޅަވަހީގައި ހިންގާ އެމެރިކާގެ އަސްކަރީ މަރުކަޒު އެ ރަށުގައި ބާއްވަން ވަނީ ހިމަނައިފައެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއެއްގެ މައްސަލަ ވެސް އޭރު ބޮޑުވެފައިވެއެވެ. އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ އީއީޒެޑުން 44،000 އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ގެއްލިފައިވާކަމަށް އޭރުގެ އިދިކޮޅުގައި ތިބި ފަރާތްތަކުންނާއި ކުރީގެ ބަންޑާރަ ނައިބުން ދިޔައީ ވިދާޅުވަމުންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގައި ރައީސް ސޯލިހުގެ އެ ސިޓީފުޅުގެ ދައުރު މުހިންމު ކަމަށް އޭރު އެބޭފުޅުން ދިޔައީ ވިދާޅުވަމުންނެވެ. އެ ސިޓީގައި އޮތް އެއްޗެއް މިހައިތަނަށް ވެސް ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!