ދަނޑުވެރިން އުފައްދާ ތަކެތި ހަމަ އަގުގައި ވިއްކަން ވަގުތީ މާރުކޭޓެއް ގާއިމުކުރަނީ
ކުރިއަށް އޮތް ރޯދަ މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ހަމަ އަގުގައި ވިއްކާނެ ވަގުތީ މާރުކޭޓެއް ގާއިމުކުރަން އެގްރިކަލްޗާ މިނިސްޓްރީން ނިންމައިފިއެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނީ ދަނޑުވެރިން އުފައްދާފައިވާ ތަކެތި ވިއްކުމަށް ޓަކައި ވަގުތީ މާރުކޭޓެއް މާލެ ސަރަހައްދުގައި ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަން ފަށާފައިވާ ކަމަށެވެ.
އެ މާރުކޭޓަކީ ރޯދަ މަހަށް އުފައްދާފައިވާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށް ޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒު ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެއް ކަމަށާއި މާރުކޭޓް ތައްޔާރު ކުރަނީ ކަމާ ގުޅުން ހުރި އިދާރާތަކުގެ އެހީތެރިކަމާއި، އެއްބާރުލުމާ އެކުގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން އަތޮޅުތަކުގައި ދަނޑުވެރި ރަށްރަށުން ދަނޑުވެރި އުފެއްދުންތައް އެ މާރުކޭޓުގައި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"މިގޮތުން މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުޤުވެރިކަން ހުރި ރަށްރަށުގެ ކައުންސިލްތަކުން އެރަށެއްގެ ދަނޑުވެރިންނާ ގުޅިގެން މި މިނިސްޓްރީއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ފޯމު ފުރިހަމަކުރައްވާއިރު، ވޭތުވެދިޔަ ރަމަޟާންމަހު (2025)އެ ރަށަކުން ބޭރުކުރެވުނު މައިގަނޑު ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަންދާސީ މިންވަރާއި 2026ވަނަ އަހަރު މި މާރުކޭޓުގައި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުގެ އަދަދު އެނގޭނޭ ގޮތަށް ހުށަހެޅުއްވުން އެދެމެވެ." މިނިސްޓްރީން ކުރި އިއުލާނެއްގައި ބުންޏެވެ.

