އެމްޕީއެލްގެ މުވައްޒަފަކު ޑިއުޓީގައި ހުއްޓައި ކުއްލިގޮތަކަށް ނިޔާވެއްޖެ
އެމްޕީއެލްގެ މުވައްޒަފަކު މާލެ ވިޔަފާރި ބަނދަރުގައި މިއަދު ޑިއުޓީ ކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ އެ ކުންފުނީގެ ފްލީޓް ސާވިސް ޑިޕާޓްމެންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއާ ޑެކް ހޭންޑްގެ މަގާމު އަދާކުރަމުންދިޔަ އަމީން އަބްދުލްހަމީދު 30،އެވެ.
އެމްޕީއެލްއިން ބުނީ އަމީން މިއަދު ޑިއުޓީގައި ހުއްޓައި، ފިޓުޖެހިގެން ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށް ވެއްޓިފައިވާ ކަމަށެވެ. މި ހާދިސާ ހިނގުމާ އެކު އެ ކުންފުނީގެ ސޭފްޓީ ޑިޕާޓްމެންޓްގެ އެމަޖެންސީ ރެސްޕޮންސް ޓީމުން ވަގުތުން އެޓެންޑްވެ، އަމީން އައިޖީއެމްއެޗަށް ގެންގޮސްފައި ވެއެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އަމީން ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އަމީން އެމްޕީއެލްއާ ގުޅުނީ 2020ވަނަ އަހަރުއެވެ. އެ ކުންފުނިން ވަނީ އަމީންގެ އާއިލާއަށް ތައުޒިޔާ ދަންނަވައިފައެވެ.

