ޚަބަރު

ބ. މާޅޮހުގައި ސޯލާ ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބ. މާޅޮސް--

ބ. މާޅޮހުގެ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތައަށް ބަދަލުވުމަށް ޓަކައި ސޯލާ-ޑީސަލް-ބެޓަރީ ހައިބްރިޑް ނިޒާމެއް އެ ރަށުގައި ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނީ އެ މަސައްކަތް މިހާރު ބާރުދުވެލީގައި ކުރަމުންދާ ކަމަށާއި އެ މަޝްރޫއުގެ ދަށުން މާޅޮހުގައި 96ކިލޯވޮޓް ޕީކްގެ ސޯލާ ފޮޓޯވޮލްޓައިކްގެ ނިޒާމަކާއި، 716ކިލޯވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް ހަރުކުރާނެ ކަމަށެވެ.

އެ ނިޒާމު ފުރިހަމަވެ އަމަލީގޮތުން ބޭނުންކުރަން ފެށުމުން، މާޅޮހަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ޓަކައި އަހަރަކު ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 185,837ލިޓަރު ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވޭނެ ކަމަށާއި އަދި އޭގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ތެރެއިން އަހަރަކު 455ޓަނުގެ އެމިޝަންސް މަދުކުރެވިގެންދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، 2028ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފައްދާ ކަރަންޓަށް ހެއްދެވުމަށް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އެ މަޝްރޫއުގެ ސަބަބުން މާޅޮހުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި، އިތުބާރު ހުރި ކަރަންޓުގެ ހިދުމަތެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި އިގްތިސާދީ ގޮތުން ރާއްޖެއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

Ads by Ooredoo