ދުވާފަރުގައި މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދިޔަ 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި
ރ. ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ތަކެތި ބޭނުން ކުރަމުންދިޔަ 18އަހަރުގެ ޒުވާނަކާއި 20އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ދުވާފަރު ޕޮލިސް ގުޅިގެން މި މަހު 23ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ރ. ދުވާފަރު / ސެމަންވިލާ، ޢަލީ މައިސާން (20އ) އާއި ރ. ދުވާފަރު / ގުރީންހެވަން، ޙޫދު ޙުސައިން (18އ) ކަމަށެވެ.
މި ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުންގެ ޑުރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

