4000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި އަހަރުގެ ރޯދަ މަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ރޭ 4،000އަށް ވުރެ ގިނަ މަސްދަޅު ކޭސް ބަހައިފިއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ލޯކަލް ގަވާމަންޓް މިނިސްޓްރީއާއި ، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ ރޭ 8:30 ގައެވެ.
ރޭ 11:00އާ ހަމައަށް ގްރެޓަރ މާލެ ސަރަހައްދު (މާލެ، ވިލިނގިލި އަދި ހުޅުމާލެ)ގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުން 4،196 މަސްދަޅު ކޭސް ދޫކުރި ކަމަށް ލޯކަލް ގަވާމަންޓް މިނިސްޓްރީން ބުންޏެވެ.
އޭގެ ތެރެއިން އެންމެ ގިނައިން މަސްދަޅު ކޭސްތައް ދޫކުރީ ގަލޮޅު ދަނޑުގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުން ކަމަށާއި އެ ތަނުން 783 މަސްދަޅު ކޭސް ބެހިކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ގަލޮޅު ދަނޑުގައި 4 ތަނަކުން މަސްދަޅު ކޭސް ދޫކުރަމުންދެއެވެ.
މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ހަފްތާ ތެރޭގައި އަތޮޅުތަކަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.


