ޚަބަރު

ބޭރުން އަންނަ އާގުބޯޓުތަކަށް ޕޯޓް ލިމިޓް އޭރިއާ 24 ގަޑިއިރަށް ހުޅުވާލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލޭގެ ވިޔަފާރި ބަނދަރު--

ބޭރުން އަންނަ އާގުބޯޓުތަކަށް ،ޕޯޓް ލިމިޓް އޭރިއާ 24 ގަޑިއިރަށް ހުޅުވާލަން ނިންމައިފިއެވެ.

Ads by STELCO

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު އެކްސްގައި ވިދާޅުވީ އެ ގޮތަށް ބޭރުން އަންނަ އާގުބޯޓުތަކަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް މާދަމާއިން ފެށިގެން ހުޅުވައިލާނެ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ މިއީ 1988ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އުސޫލު ބަދަލުކޮށް، އިގުތިސާދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި އެ ބަދަލާ އެކު،ކުރިން ވެސް އުޅަނދުފަހަރަށް ދެމުން އައި ކްލިޔަރެންސް ދިނުމާއި ޕައިލޮޓޭޖުގެ ހިދުމަތް ދިނުމުގެ ކަންކަން ވެސް 24 ގަޑިއިރު ހިނގަމުން ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ގެނެވުނު ވަރަށް މުހިންމު ހެޔޮ ބަދަލެއް!" މިނިސްޓަރު ވިދާޅުވިއެވެ.

އެ ބަދަލު ގެނައުމުގެ ކުރިން މެންދަމު 12އިން ހެނދުނު ހަޔަކަށް ރާއްޖެއިން ބޭރުން އަންނަ ކަނޑު ބޯޓުތައް ރާއްޖޭގެ ކަނޑުގެ ބަނދަރުތަކަށް ނުވަދެވޭގޮތަށް އުސޫލު އޮތީ ކަނޑައަޅައިފައެވެ. އެއީ 1988ވަނަ އަހަރު ސްރީލަންކާގެ ތަމަޅަ ޓައިގަރުން ކަނޑުމަގުން ރާއްޖެ އަރައި ހިންގި އުދުވާނާ ގުޅިގެން ކަނޑައެޅި އުސޫލެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!