ކައުންސިލް އިންތިހާބަށް ކުޑަތަންވެފައި އޮއްވައި ފިޔޯރީ ކައުންސިލްއިން 18 މުވައްޒަފުން ނަގަނީ
ކައުންސިލް އިންތިހާބަށް ކުޑަތަންވެފައި އޮއްވައި ފިޔޯރީ ކައުންސިލްއިން 18 މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.
މިދިޔަ އަހަރު ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ދަށުން ކައުންސިލްގެ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ ބައެއް ކަންކަމާ ގުޅޭ ގޮތުން ނިންމުންތައް ނިންމޭނީ ފިނޭންސް މިނިސްޓްރީއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
އޭގެ ތެރޭގައި ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން ހިމެނެއެވެ. ނަމަވެސް އެ މުވައްޒަފުން ހޯދަން ފިޔޯރީ ކައުންސިލްއިން އިއުލާންކުރީ އެ ހުއްދަ މިނިސްޓްރީން ނުނަގައެވެ.
ފިޔޯރީ ކައުންސިލްއިން މިއަދު އިއުލާންކުރީ 18 ކައުންސިލް އެސިސްޓެންޓުންގެ ވަޒީފާއަށް މީހުން ހޯދުމަށެވެ. އެއީ 23 މަހުގެ ކޮންޓްރެކްޓް ވަޒީފާތަކެކެވެ.
އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކައުންސިލްގެ އިދާރާގެ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން ހިމެނެއެވެ.
އޭގެ އިތުރުން ސެކްޝަންގެ މުވައްޒަފަކު ޗުއްޓީ ނަގައިފި ނަމަ އެމުވައްޒަފެއްގެ މަސައްކަތް ކުރުމާއި ކައުންސިލް އިދާރާއިން ބޭނުންވެގެން ހިންގާ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްތަކުގައި އެހީތެރިވެދިނުން ވެސް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.


