ބޮޑު ޗުއްޓީއަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
ބޮޑު ޗުއްޓީ ނިންމާލުމަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
ދަރިވަރުން ބޮޑު ޗުއްޓީއަށް ގޮސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހުއެވެ. އާ އަހަރަށް މިއަދު ކިޔެވުން ފަށައިފައި މި ވަނީ މަސްދުވަހުގެ ޗުއްޓީއަކަށް ފަހުއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، މި ފެށުނު އާ އަހަރު ސަރުކާރުގެ 219 ސްކޫލެއްގައި 80،715 ދަރިވަރުން ތައުލީމު ހާސިލު ކުރާނެއެވެ. އަދި އެ ކުދިންނަށް ކިޔަވައިދިނުމަށް އެކި ސްކޫލްތަކުގައި 9،952 ޓީޗަރުން ހަރަކާތްތެރިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، މުޅި ރާއްޖޭން 4.790 ދަރިވަރުން ސަރުކާރު ސްކޫލުތަކަށް ގްރޭޑް 1އަށް ވައްދާފައިވާ ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގެ ސްކޫލުތަކަށް 1،748 ކުދިން ވަނީ ވައްދާފައެވެ. އަދި އަތޮޅުތަކުން މާލެއަށް 1،530 ދަރިވަރުން ވަނީ ބަދަލުވެފައެވެ.
މިއަހަރުގެ އެކެޑެމިކް ކަލަންޑަރު ދައްކާގޮތުގައި، ފުރަތަމަ ޓާމު ނިމޭނީ ޖުލައި 17ވަނަ ދުވަހުއެވެ. 2ވަނަ ޓާމުގެ ކިޔެވުން އޮގަސްޓް 2ގައި ފެށޭއިރު، ދަރިވަރުން ބޮޑު ޗުއްޓީއަށް ދާނީ ޑިސެމްބަރު 18އިން ޖެނުއަރީ 12 އަށެވެ.
މިއަހަރުގެ ރޯދަމަހު ކިޔަވާނީ އެންމެ ހަފްތާއަކުއެވެ. ދަރިވަރުންނަށް ރޯދަމަހވެސް ދިގު ޗުއްޓީއެއް ލިބޭނެއެވެ.

