ޚަބަރު

ޕޮލިސް ކާރު މައްޗަށް އެރީ ކުޑަކުއްޖެއް، ފުލުހުން އެދެނީ ވީޑިއޯ ދައުރު ނުކުރަން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ފުލުހުންގެ ކާރު މައްޗަށް އަރައި ނެށިތަން ފެންނަ ވީޑިއޯ ދައުރުނުކުރަން ފުލުހުންގެ ހިދުމަތުން އެދިއްޖެއެވެ.

Ads by STELCO

ސޯޝަލް މީޑިއާގައި ވައިރަލް ވެގެން އުޅޭ ވީޑިއޯއެއްގައި އަންހެނަކު ފުލުހެއްގެ ކާރަށް އަރައިގެން ނަށާ ހަދާތަން ފެނެއެވެ. އެހެންވެ ގިނަ ބައެއްގެ ފާޑުކިއުން އެ އަންހެންމީހާގެ މައްޗަށް އަމާޒުވެފައިވާ އިރު ފުލުހުން އެ މައްސަލަ ނުބަލާތޯ ވެސް ގިނަ ބަޔަކު ދަނީ އަހަމުންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ވީޑިއޯއިން ފެންނަނީ އުމުރުން 15އަހަރުގެ ކުޑަކުއްޖެއް ކަމަށާއި ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ ކޮންޓެންޓް، ކުއްޖާއަށް ފުރައްސާރަ ރައްދުވާ ގޮތަށް އާންމުކޮށް އަލުން ބްރޯޑްކާސްޓްކުރުމަކީ އެ ކުއްޖާއަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގެއްލުންތަކެއް ލިބި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ އަހުލާގީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށެވެ.

"އެހެންކަމުން، އެއްވެސް މީޑިއާ އިދާރާއަކުން ނުވަތަ ސޯޝަލް މީޑިއާ ޕޭޖުތައް ހިންގަވާ ފަރާތްތަކުން މި ވީޑިއޯ އެއްވެސް ސިފައެއްގައި އަލުން ހިއްސާ ނުކުރުމަށާއި، މިހާރު ހިއްސާކޮށްފައިވާ ވީޑިއޯތައް ވެސް އާންމުންނަށް ނުފެންނާނެހެން ނެގުމަށް ބާރުއަޅައި އިލްތިމާސްކުރަމެވެ." ފުލުހުން ހިއްސާކުރި މެސެޖުގައި ބުންޏެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!