ޚަބަރު

ފުވައްމުލަކުގައި ގާއިމުކުރި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީ އިފުތިތާހުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުވައްމުލައް ސިޓީގައި ގާއިމުކުރި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީ އިފްތިތާހުކުރުން--

ފުވައްމުލަކުގައި ގާއިމުކުރި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީ އިފުތިތާހުކޮށްފިއެވެ.

Ads by STELCO

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ލެބޯޓަރީ އިފްތިތާހުކޮށްދެއްވީ އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ.

އެ ލެބޯޓަރީއަކީ ދަނޑުވެރިކަމުގެ ދާއިރާއިން ގައުމީ ފެންވަރުގައި ހިންގޭ ދިރާސާތަކާއި، ބަލި ދެނެގަތުމުގެ ވަސީލަތްތަކާއި، ހާއްސަ ލެބޯޓަރީގެ އިންފްރާސްޓްރަކްޗާގެ މަދުކަމުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ހައްލު ހޯދައިދިނުމުގެ މަގުސަދުގައި ގާއިމުކުރި ލެބޯޓަރީއެއް ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.

އެއާ އެކު ދަނޑުތަކުގެ އުފެއްދުންތެރިކަމާއި، ބަލިތަކާއި ފަނިފަކުސާ ކޮންޓްރޯލް ކުރުމުގެ އިތުރުން ގައުމީ ބަޔޯސެކިއުރިޓީ ވަރުގަދަކޮށްދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީން ދަނޑުވެރިންގެ އިތުރުން، ދިރާސާކުރާ ފަރާތްތަކާއި، އެކްސްޓެންޝަން އޮފިސަރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތައް ވެސް ހިމެނޭ ގޮތަށް ހިދުމަތް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި، މޫސުމަށް ހޭނޭ، އަދި ރައްކާތެރި ދަނޑުވެރިކަން ކުރިއެރުވުމުގައި ލެބޯޓަރީން މުހިންމު ދައުރެއް އަދާކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މި ލެބޯޓަރީ ގާއިމުކުރެވިފައި ވަނީ ޔޫއެންޑީޕީގެ ޕްރޮޖެކްޓް ފޯ ޑިވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ(ޕީޑީއެސްއޭއީ)ގެ ދަށުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!