އޭދަފުށީގައި ޕިކަޕަކުން ޖެހި އެކްސިޑެންޓްވި ދުވަސްވީ މީހާ ނިޔާވެއްޖެ
ބ. އޭދަފުށީގައި ޕިކަޕަކުން ޖެހި އެކްސިޑެންޓްވި ދުވަސްވީ މީހާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.
އަސާގަނޑެއްގެ އެހީގައި ހިނގާ ބިނގާވެ އުޅުނު އުމުރުން 83އަހަރުގެ އަބޫބަކުރު އަބްދުﷲ، އެކްސިޑެންޓްވެ އަނިޔާވީ މި މަހުގެ 15ދުވަހުގެ ރޭ ނަމާދަށް ފަހު ގެއަށް ދަނިކޮށް ބާރަށް ދުއްވާފައި ދިޔަ ޕިކަޕެއް އޭނާގެ ގައިގައި ޖެހިގެންނެވެ.
އެ ހާދިސާގައި އޭނާ ފަޔަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
އޭނާއަށް އެންމެ ފަހުން ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.
"ދެން"އަށް އެނގިފައިވާ ގޮތުން ބަކުރު މަރުވީ މިއަދު ހެނދުނުއެވެ.
ފޭސްބުކުގައި ހިންގާ"ކަށު ނަމާދު" ޕޭޖުގައި ބުނެފައިވާ ގޮތުން އޭނާގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހުއެވެ.
ބަކުރުގެ އެކްސިޑެންޓްއާ ގުޅިގެން ޕިކަޕު ދުއްވި އޭދަފުށީ ދުނި، އަބްދުﷲ ރަމީޒު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.


