ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާގެ މަގާމުން އިނާޒް އިސްތިއުފާދީފި
ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތްކުރާ ކަމަށް ބުނާ 2.4 ބިލިއަން ރުފިޔާގެ މައްސަލައިގައި، އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުން އަހުމަދު އިނާޒް އިސްތިއުފާ ދެއްވައިފިއެވެ.
ޕެންޝަން އޮފީހުން މިދިޔަ އޮކްޓޯބަރު މަހު ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ އާއެކު ފައިސާގެ މުއާމަލާތެއް ކުރުމަށް ފާސްކޮށްފައެވެ. އެ މުއާމަލާތަކީ އެ އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކުމެވެ. އެކަން ކުރަނީ ފައިސާ ޗާޕުކުރުމަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތައް ހިމެނޭހެން ގިނަބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މި މައްސަލައިގައި އިސްތިއުފާ ދެއްވިކަން އިއުލާނުކޮށް އިނާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2.4 ބިލިއަން ރުފިޔާގެ ބޮޑުގެ މައްސަލައިގައި ގިނަ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، ދެމެހެއްޓެނިވި ހައްލެއް ހޯދިފައިނުވާ ކަމަށެވެ. އެހެންކަމުން މަގާމުން އިސްތިއުފާ ދެއްވާ ކަމަށާއި، ދުއާއަކީ ދައުލަތުގެ މާލީ ކަންކަން މިއަދަށް ވުރެ ހަރުދަނާވެ، ދުރު ވިސްނުމުގެ ސިޔާސަތުތަކުން އިސްލާހުވުން ކަމަށް އިނާޒް ވިދާޅުވެފައިވެއެވެ،
އިނާޒް އިސްތިއުފާ ދެއްވިއިރު، މިދިޔަ އޮކްޓޯބަރު މަހު ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ. އޭނާ ވިދާޅުވެފައި ވަނީ އެއީ ގާނޫނީ ގޮތުންނާއި އިގްތިސޯދީ ގޮތުން ވެސް ބޮޑެތި މައްސަލަތަކެއް ދިމާވާނެ ކަމެއް ކަމަށެވެ.


