ބިދޭސީ މީހާގެ މަރު: އެކްސްކަވޭޓަރުގެ ޑްރައިވަރު ހައްޔަރުކޮށްފި
ތިލަފުށިން މިދިޔަ މަހުގެ 26ވަނަ ދުވަހުން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު ބަނގްލަދޭޝް މީހާގެ މަރުގެ މައްސަލައިގައި ލަންކާ މީހަކު ހައްޔަރުކޮށްފިއެވެ.
ތިލަފުށި ވެމްކޯ ސައިޓުން ގެއްލުނުތާ 2 ދުވަސް ފަހުން މަރުވެފައި އޮއްވައި ފެނުނީ އަމީން މިއާ 24،އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ އަމީން މިއާ މަރުވުމަށް މެދުވެރިވެފައި ވަނީ މިމަހުގެ 26ވަނަ ދުވަހުގެ މެންދުރު ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓުމުން ކަމަށެވެ.
މި ހާދިސާގައި އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އަމީން މިއާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކޮށް، މީހާގެ ގައިމައްޗަށް ކުނިތައް އެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާގެ ގައިގައި ޖެހުނު ނަމަވެސް، މެދުކެނޑުމެއްނެތި މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ އުޅަނދު އޮޕަރޭޓްކުރި 32 އަހަރުގެ ސްރީލަންކާ މީހާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ ތަހުގީގަށް ކުރިއެރުން ލިބޭވަރަކުން ހާމަކުރާނެ ކަމަށެވެ.



ދުވަހަކުވެސް ފުލުހުން ފަހުން ކަމެއް ހާމަކުރޭތަ؟