ނަގުުދު ފައިސާއިން ދައްކާ ޒަކާތުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރަން ހާއްސަ ޕޯޓަލްއެއް ތައާރަފްކޮށްފި
ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ނަގުުދު ފައިސާއިން ދައްކާ ޒަކާތުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރަން ހާއްސަ ޑިޖިޓަލް ޕޯޓަލްއެއް މޯލްޑިވްސް ޒަކާތު ހައުސްއިން ތައާރަފްކޮށްފި އެވެ.
"ފިޠުރު ޕޯޓަލް"ގެ ނަމުގައި އެ ޕޯޓަލް ތައާރަފްކުރީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުސޫލަކުން އެ ކަން ކުރިއަށް ގެންދިއުމަށް ތައާޜަފްކުރި ޕޯޓަލްއެއް ކަމަށެވެ.
"މި ޕޯޓަލް މެދުވެރިކޮށް، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ މުޢާމަލާތްތައް ވަގުތުން ބެލުމުގެ ފުރުސަތު ޒަކާތު ހައުސްއަށް ލިބިގެންދާނެއެވެ. މީގެ ސަބަބުން އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިތުރު ޒަކާތުގެ ސައްހަ ޖުމްލަ އަދަދުތައް ކޮންމެ ދުވަހަކު ވެސް ބަލައިލެވޭނެއެވެ."އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެގޮތަށް ހުރިހާ މައުލޫމާތެއް އެއް ނިޒާމަކުން ވަގުތުން ބަލައިލެވުމުގެ ސަބަބުން، އިސްލާމީ ޝަރީއަތުގައި ކަނޑައަ:ާފައިވާ ގޮތަށް ރޯދަ މަސް ނިމޭ ތަނުން ލަސްނުކޮށް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ފިތުރު ޒަކާތް ލިބުން ހައްގުވާ ފަރާތްތަކަށް އަވަސްކަމާއި ހަމަހަމަކަމާ އެކު ޒަކާތް ބެހުމަށް މަގުފަހިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ފިތުރު ޕޯޓަލް ތަޢާރަފުކުރުމަކީ، މުޅި ރާއްޖޭގައި ޒަކާތުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ލުއިފަސޭހަކަމާއި، ދެފުށް ފެންނަ ގޮތްތަކާއި، ހަރުދަނާކަން އިތުރުކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

