މާފު ކުރެވިދާނެއެވެ. ނަމަވެސް ވީކަމެއް ނުވާކަމަކަށް ހެދޭނީ ކިހިނަކުން ހެއްޔެވެ؟
ދިރިއުޅުމަކީ އިމްތިހާނެކޭ ބުނާ އަޑު އަހަމުއެވެ. ނަމަވެސް ދިރިއުޅުން އިމްތިހާނަަކަށް ވަނީ ކިހިނެއް ކަމެއް ކުރިއަކުން އަހަންނަކަށް ނޭނގެއެވެ. ސަބަބަކީ އަހަރެން ދިިރިއުޅެމުން އައީ އެއަށް ވުރެ ހަމަޖެހޭ ދިރިއުޅުމެއް ކަމަށް ވާތީއެވެ. އަަހަރެންނަށް އޭރު ނުފުދިފައި އެއްވެސް ކަމެއް ނޯންނާތީއެވެ. ނަމަވެސް އަހަރެންގެ މުޅި ދިރިއުޅުން ބަދަލު ކޮށްލީ އަހަރެންގެ ރަހުމަތްތެރިއެއްގެ ސަބަބުންނެވެ.
އަބަދުވެސް ބުނާ އަޑު އަހަމުއެވެ. ވަކި ހިސާބަކުން ތިމާއަށް ތިމާގެ އެކުވެރިން ގެއްލޭތަން ދިރިއުޅުމުގައި އަންނާނެއެވެ. ނަމަވެސް އެއީ ކިހިނެއްވާ ކަމެއްކަން މީގެ ކުރިން އަހަރެންގެ ޅަ ސިކުޑިއަށް ވިސްނިފައެއް ނެތެވެ. އަހަރެންގެ އެއްވެސް އެކުވެރިއަކާ މީގެ ކުރިން މައްސަލަ ޖެހިފައެއް ވެސް ނުވެއެވެ. ކަންތައްތައް ދިޔައީ ވަރަށް ރަނގަޅަށެވެ.
އަަހަރެންގެ އެންމެ ގާތް އެކުވެރިންނަކީ އަހަރެންގެ ހުރިހާ ކަމެއް ހިއްސާ ކުރާ ބައެކެވެ. އެ ރަހުމަތްތެރިންނަށް އަހަރެންގެ ދިރިއުޅުމުގައި ކުރިމަތިވި ހުރިހާ ހިތާމައަކާއި އަހަރެންނަށް ލިބެމުން ދިޔަ ހުރިހާ ކާމިޔާބީއެއް ދިޔައީ ހިއްސާ ކުރަމުންނެވެ. އެއީ އަަހަރެން އެދުވަހު ހިނިތުންވިނަމަ އެ ހިނިތުންވުމުގެ ހިއްސާދާރުންނެވެ. އަހަރެން ދެރަވެއްޖެ ނަމަ އަހަރެން އުފާ ކޮށްދިން އެކުވެރިންނެވެ.
އަހަރެންގެ ދިރިއުޅުމުގައި ދިމާވީ ވަރަށް ހިތާމަވެރި ގޮތެކެވެ. އެންމެ ކައިރީގައި ހީފާ އުޅުނު ރަހުމަތްތެރިޔާ ކަންތައް ކުރީ ވަރަށްވެސް އިހާނެތި ގޮތަކަށެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކަމުގެ މަގާމުގައި ހުރެފައި އޭނާ އަހަރެންގެ ލޯބިވެރިޔާއާ ސިއްރުން ގުޅުންތައް ބާއްވަން ފެށިއެވެ. އަހަރެން މިކަމުގައި އަހަރެންގެ އޭރުގެ ލޯބިވެރިޔާ ވެސް ކުށްވެރި ކުރަމެވެ. އާނއެކެވެ. އެންމެ ކައިރީގައި އަހަރެންގެ އެއް އަތް ފަދައިން އުޅެފައި އެ ޖަހައިގަތީ ތެޔޮ ނާއްޓެވެ. އަދި ތެޔޮނާށި ޖަހައިގަތް ކާޅާއެކު ތެޔޮ ނާށި ވެސް ވީ ބޭވަފާއެވެ.
މިއަދު އަހަރެންގެ ގާތަށް އައިސް އަހަރެންގެ އެކުވެރިކަމަށް އެދި އޭނާ ސަލާމް ޖަހައެވެ. އަހަރެންގެ ދިރިއުޅުމުގައި ކުރިން އޭނާއަށް ދެވިފައިވާ މަގާމު ދިނުމަށް އެދި އާދޭސް ކުރެއެވެ. އޭނާއަށް ކުރެވުނު ކުށަށް މާފުކޮށްދިނުމަށް އެދި ދެފައިގައި ހިފާ ރޮއި ހަދައެވެ.
އަހަރެން އޭނާ ގާތުގައި އަބަދުވެސް ބުނަމެވެ. އަހަރެންގެ ހިތް އެކުވެރިޔާއަށް ޓަކައި ހެވެވެ. އަަހަރެންގެ ރަހުމަތްތެރިއެއްގެ ގޮތުގައި ތިބާ އަބަދު ވެސް ދެމިހުންނާނެއެވެ، ނަމަވެސް އަހަރެން ތިބާއަށް އަހަރެންގެ ދިރިއުޅުމުގައި ދިން މަގާމު ދޫކޮށް ދިޔައީ ވެސް ތިބާއެވެ. އަހަރެމެން ދެމީހުން އެކުގައި ބިނާކުރި ރަހުމަތްތެރިކަން ފުނޑުފުނޑު ކޮށްލި މީހަކީ ވެސް ހަމަ ތިއީއެވެ.
އަހަރެން އޭނާ އަށް މާފު ކޮށްފީމެެވެ. ނަމަވެސް އަލުން ކުރިން އޮތް ގާތްކަން ބާއްވަން އަހަރެންގެ ހިތަށް ކުޅަދާނައެއް ނޫނެވެ. ސަބަބަކީ އެއްްފުޅަށް މަތިން ފުއްމާލި ބަކަރި އަނެއް ފުޅަށް މަތިން ވެސް ފުންމާލާނެތީއެވެ. މާފު ކުރެވުނު ކަމުގައި ވިޔަސް ވީ ކަމެއް ނުވާ ކަމަކަށް ނުހެދޭނެ ނޫން ހެއްޔެވެ.