ޚަބަރު

އިންތިހާބުތައް އިރުއިރުކޮޅާ ބާއްވާތީ ރައީސްއަށް އެކަށީގެންވާ ގޮތަށް ވެރިކަންކުރަން ފުރުސަތު ނުލިބޭ: އާދަމް ޝަރީފް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު / ފޮޓޯ:ދެން އިމޭޖްސް

އިންތިހާބުތައް އިރުއިރުކޮޅާ ބާއްވާތީ ރައީސުލްޖުމްހޫރިއްޔާއަށް އެކަށީގެންވާ ގޮތަށް ވެރިކަންކުރަން ފުރުސަތު ނުލިބޭކަމަށް ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާސީ އިންތިހާބާއީ މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމާގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް ޕާޓީތަކާއެކު މިއަދު މިނިވަން މުވައްސަސާތަކުން ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި ވެރިކަންކުރާ ޕީއެންސީ ތަމްސީލުކުރައްވައި އާދަމް ޝަރީފް ވިދާޅުވީ އިންތިހާބުތައް މިހާރު އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަންނަވާ ބޭފުޅަކު ޖެހިވަޑައިގަންނަވަނީ ގާތްގާތުގައި އިންތިހާބުތަކަށް ތައްޔާރުވެވަޑައިގަންނަވަން ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކު ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ ގިނަ ދުވަސްތަކެއްނުވަނީސް މަޖިލީސް އިންތިހާބަށް ތައްޔާރުވާން ޖެހޭއިރު އޭގެ ފަހުން މާ ގިނަ ދުވަސްތަކެއްނުވެ، ދެން ތައްޔާރުވާން ޖެހިވަޑައިގަންނަވަން ޖެހެނީ ލޯކަލް ކައުންސިލް އިންތިހާބަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

''ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގުމާއެކުގައި މަޖިލީހުގެ ތެރޭގައި އޮންނަ އޮއިވަރާއި މި ހުރިހާ ކަމެއް ބަލަމުންދާއިރު، ހަގީގަތުގައި ރައީސުލްޖުމްހޫރިއްޔާއަށް އެންމެ އެކަށީގެންވާ ގޮތަށް ވެރިކަންކުރަން، އެ ފުރުސަތު އެންމެ ރަނގަޅަށް އޮންނަ ކަމަށް ގަބޫލެއް ނުކުރެވޭ. މަޖިލިސް ރަނގަޅަށް ފަށައިގަންނައިރު ދެން މި އޮންނަނީ ލޯކަލް ކައުންސިލް އިންތިހާބު، އެހެންވީމާ ދައުރެއްގެ ތެރޭގައި 3އިންތިހާބެއް ތަޖުރިބާ ކުރަންޖެހޭ'' މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިންތިހާބުތައް ބާއްވަން ޖެހުމުގެ ސަބަބުން އެކަށީގެންވާ ބާރުމިނުގައި ތަރައްޤީގެ ކަންކަންވެސް ކުރިއަށްނުދާ ކަމަށެވެ. އެއީ ރާއްޖޭގެ ވެރިކަން ކުރެއްވި ކޮންމެ ވެރިޔަކުވެސް ތަޖުރިބާކުރަން ޖެހިވަޑައިގަންނަވާ ކަންކަން ކަމަށް ވިދާވިއެވެ.

''މުޅި ދައުލަތް މި އޮންނަނީ އިންތިހާބުތަކުން ތަޅު އެޅުވިފައި. ގައުމަށް ހެޔޮ ބަދަލެއް ގެންނާކަށް ފުރުސަތެއް ނުލިބޭ. ތަރައްގީގެ މަޝްރޫއުތައް ހިންގަން އޮންނަ ފުރުސަތު ވަރަށް ބޮޑަށް މި އޮންނަނީ އިންތިހާބުގެ ބަލިމަޑުކަމުގެ ތެރޭގައި ތަޅުއެޅުވިފައި'' މިނިސްޓަރ ވިދާޅުވިއެވެ.