ފިޔޯރީގައި މަސް ބަންދުކުރާ ކާރުހާނާ އަޅަން ބިން ހިއްކަން ފަށައިފި
ގދ. ފިޔޯރީގައި ގާއިމްކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މިއަދު ފިޔޯރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފްއެވެ.
އެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން އަޅާ ކާރުހާނާގައި ދުވާލަކު 100 ޓަނުގެ މަސް ދަޅު ބަންދުކުރެވޭނެެ ކަމަށެވެ. އަދި އެ މަޝްރޫޢުގެ ދަށުން 3000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ވެސް އެޅުމަށް ވެސް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފިޔޯރީގައި ކާރުހާނާ އަޅަން ބިން ހިއްކައި ފެކްޓަރީއަށް ބޭނުންވާ ބަނދަރުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ސެން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ.
އެ މަޝްރޫޢުގެ ދަށުން 6.5 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
ފިޝަރީޒް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ފިޔޯރީގައި ގާއިމުކުރާ މަސް ފެކްޓްރީއަކީ އެ ރަށާ ވަށައިގެންވާ ސަރަހައްދުތަކުގެ އިގުތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު މަޝްރޫއެކެވެ. އެގޮތުން މަސް ފެކްޓްރީގެ ސަބަބުން މަސްވެރިންނަށް އެކަށީގެންވާ އަގުގައި މަސް ވިއްކުމުގެ ފުރުސަތު ލިބުމާއެކު، ސަރަހައްދުގައި އާ ވަޒީފާގެ ފުރުސަތުތައް އުފެދި، ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ރަނގަޅުވެގެން ދާނެކަމަށް ބެލެވޭކަމަށް ވެސް ބުންޏެވެ.

