ޚަބަރު

ފަގީރުންނަށް ފަސޭހައިން ޒަކާތުގެ އެހީ ފޯރުކޮށްދޭން ހާއްސަ ކާޑެއް ތައާރަފްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އަސްނާފު ކާޑު ތައާރަފްކުރުމަށް މިއަދު ބޭޢްވި ރަސްމިއްޔާތުގެ ތެރެއިން--

ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ޒަކާތުގެ އެހީ ފަސޭހައިން ފޯރުކޮށްދޭން ހާއްސަ ކާޑެއް މިއަދު ތައާރަފްކޮށްފިއެވެ.

Ads by STELCO

"ޒަކާތު އަސްނާފު ކާޑު"ގެ ނަމުގައި މޯލްޑިވްސް ޒަކާތު ހައުސްއިން އެ ކާޑު ތާއާރަފްކުރީ މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ކާޑު އިފްތިތާހު ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މިއަދު ތައާރަފްކުރި އަސްނާފު ކާޑުގެ އެހީގައި، އެހީއަށް ޝަރުތުހަމަވާ ފަރާތްތަކަށް ޒަކާތު ހައުސްއިން ފޯރުކޮށްދޭ ތަފާތު ހިދުމަތްތަކާއި، ކުރިއަށް އޮތް ތަނުގައި ތައާރަފުކުރުމަށް ރޭވިފައިވާ އިތުރު ޕްރޮގްރާމްތައް ފަސޭހަކަމާ އެކު ހޯދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އަދި އެ ކާޑާ އެކު، އެހީއަށް އެދި ހުށަހަޅާ އިރު ކޮންމެ ފަހަރަކު އަސާސީ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭޖެހުން ނިމުމަކަށް އަންނާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި އޭގެ ބަދަލުގައި، އަސްނާފު ކާޑު ބޭނުންކޮށްގެން އެންމެ ސްކޭނަކުން ވަގުތުން ހިދުމަތް ހޯދޭނެކަމަށާއި އޭގެ ސަބަބުން އިދާރީ މަސައްކަތްތަކާއި ޚިދުމަތް އަވަސްވެ، ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަން މިނިސްޓްރީން ފާހަގަކުރިއެވެ.

ކިއުއާރް ކޯޑު ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި ކާޑު، ޒަކާތުގެ އެހީގެ ނިޒާމުގައި ހިމެނޭ އެހީ ލިބޭ ފަރާތުގެ ވެރިފައިޑް ޕްރޮފައިލާ ސީދާ ގުޅިފައިވާނެއެވެ. މީގެ ސަބަބުން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެހީއަށް ޝަރުތުހަމަވާކަން އަވަހަށް ކަށަވަރުކޮށް، ހާމަކަން ބޮޑު އަދި އިތުބާރު ހުރި ގޮތެއްގައި، ހައްގުވެރީންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.