އެޕްސްޓީންގެ މުޑުދާރު އަމަލުތަކުގެ ކަންކަން ކުރިއަކުން ނޭނގޭ، ޕާޓީތަކުގައި ބައިވެރިއެއް ނުވަން: ރައީސް ވަހީދު
ކުޑަކުދިން ޓްރެފިކްކޮށް އެ ކުދިންނަށް ޖިންސީ ގޯނާކުރުމާ އެކު ސިޔާސީ އެކި ފަރާތްތައް އެކަމުގައި ބްލެކްމެއިލްކުރުމުގައި ހަރަކާތްތެރިވި ޖެޕްރީ އެޕްސްޓެއިންގެ މުޑުދާރު އަމަލުތަކުގެ ކަންކަން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
ވަހީދު އެޕްސްޓެއިންއާ ގާތް ގުޅުމެއް ބޭއްވިކަމުގެ ތުހުމަތުތައް ފެންމަތިވީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އެޕްސްޓެއިންއިން އާންކުރި އެޕްސްޓެއިންއާ ގުޅޭ ލިޔުންތަކުންނެވެ. އެއާ އެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން މިއަދު އެމަނިކުފާނު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އެ ތުހުމަތުތަކާ ގުޅިގެން ރައީސް ވަހީދުގެ އޮފީހުން ފުރަތަމަ ފަހަރަށް މިއަދު ވަނީ ބަޔާނެއް ވެސް ނެރެފައެވެ.
ވަހީދު ވިދާޅުވީ އެޕްސްޓީންއާ އެކު ބޭއްވެވީ ރަސްމީ ބައްދަލުވުންތަކެއް ކަމަށާއި އެ ހައިސިއްޔަތުން ނޫން ގޮތަކަށް ޕާޓީތަކާއި އެހެނިހެން ބައްދަލުވުންތަކުގައި އެޕްސްޓީންއާ އެކު ރައީސް ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަހީދުއާއި އެ މަނިކުފާނުގެ އާއިލާއަށް ވެސް އެޕްސްޓީންގެ ކުށްތަކާ ގުޅޭ މައުލޫމާތު އެނގިވަޑައިގެންފައިނުވާ ކަމަށެވެ.
ރައީސް ވަހީދު ވިދާޅުވީ އެޕްސްޓީންއާ ގުޅުން ބޭއްވީ އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ދަތިތަކާ ގުޅިގެން އެމެރިކާގެ ނިއު ޔޯކުގެ ތަޖުރިބާކާރު ބޭފުޅުންގެ ލަފާގެ މަތިން ކަމަށާއި އެޕްސްޓީންއާ ބައްދަލުކުރެއްވީ އެންމެ ދެ ފަހަރު ކަމަށެވެ .
ރައީސް ވަހީދު ވަނީ އެޕްސްޓީންގެ އަމަލުތައް ކުށްވެރި ކުރައްވައި އޭނާގެ ޝިކާރައަކަށްވި އަންހެނުންނަށް ހަމްދަރުދީ ވެސް ފާޅުކުރައްވައިފައެވެ.


