ޚަބަރު

ރޯދަ މަހު އަތޮޅު އިހުޔާ ފޯރަމް 10 ރަށެއްގައި ބާއްވަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކުރިއަށް އޮތް ރޯދަ މަހު އަތޮޅު އިހުޔާ ފޯރަމް 10ރަށެއްގައި ބާއްވަން ނިންމައިފި އެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އިހުޔާ ފޯރަމްތައް އަތޮޅުތަކުގައި ބާއްވަނީ ތިނަދޫ ސިޓީ، ތ. ދިޔަމިގިލި، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫގައި ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިހުޔާ  ފޯރަމްތައް ބާއްވާނެ ރަށްތައް ފައިނަލްކޮށްފައިވަނީ، އެކަމަށް އެދި ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ވަރަށް ފުރިހަމައަށް ރިޢާޔަތްކުރުމަށްފަހު ކަމަށެވެ.

މި ސިލްސިލާ ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަރަކާތްތެރި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދިނުންކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ  އިތުރުން، މިއަހަރުގެ އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން، ހޮވޭ ނަސީބުވެރިންނަށް އަގުހުރި ހާއްސަ އިނާމުތަކެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ރޯދަ މަހު ބާއްވާ ފޯރަމްތަކުގެ މައުލޫތަކުގެ ތެރޭގައި އަޅުކަންތަކުގައި އެކުލެވޭ ޢިބުރަތްތަކާއި، އަޅުކަންތަކުގައި އެކުލެވޭ އިބުރަތްތަކުގެ އިތުރުން މައިންބަފައިންނާއި ދަރިންގެ ގުޅުން ފަދަ މައުލޫތައް ހިމެނެއެވެ.