ރިޕޯޓް

ރައީސްގެ ޖަރުމަނު ދަތުރުފުޅު މުހިންމު ވަނީ ކީއްވެ ؟

ފާތިމަތު އަފްނާން ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަރުމަނުވިލާތައް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ ރައީސް އޮފީސް

ރާއްޖެ މިނިވަންވިތާ އަހަރެއް ފަހުން 5 ޑިސެމްބަރު 1966ގައި ޖަރުމަނާއި ރާއްޖެެއާ ދެމެދު ހާރިޖީގުޅުމުގެ ގޮށް ޖެހުމެވެ. މިއީ ރާއްޖޭގެ ތަރައްގީގެ ކުރިމަގަށް ހުޅުވިގެންދިޔަ މުހިންމު ދޮރެކެވެ. މައިގަނޑު ސަބަބުތައް ގިނައެވެ. އެއް ސަބަބަކީ ޖަރުމަނުވިލާތަކީ ޔޫރަޕުގެ އިއްތިހާދުގެ އެންމެ ނުފޫޒު ގަދަ ގައުމުގެ ގޮތުގައި އޮތުމެވެ.

Ads by STELCO

އެ ދުވަހަށް ފަހު ރާއްޖެއާ އެތައް މޭލެއްގެ ދުރުގައި އޮތް ރާއްޖެއާއި ޖަރުމަނުވެފައި ވަނީ ގާތް ދެ ގައުމުގެ ގޮތުގައެވެ. މިގޮތުން ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަން ފެށިގެން އައީ ޖަރުމަނުގެ ވަރަށް ބޮޑު ހިއްސާއަކާ އެކުގައެވެ. ރާއްޖޭގެ ޓޫރިޒަމް 1972ވަނަ އަހަރު ދުނިޔެއަށް ހުޅުވުމާއެކު އެ އަހަރު ރާއްޖެއަށް އައި އެންމެ ފުރަތަމަ ފަތުރުވެރިންގެ ގްރޫޕުގައި ގިނައީ ޖަރުމަނު މީހުންނެވެ. އަދި ދިވެހިން އެންމެ ފުރަތަމަ ދުނިޔޭގެ ފެއާއަކަށް ދިޔައީ ވެސް އައިޓީބީ ބާލިންއަށެވެ. ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މައުރަޒު ކަމަށްވާ އައިޓީބީ ބާލިންގައި ރާއްޖެއިން ބައިވެރިވާތާ 40އަށް ވުރެ ގިނަ އަހަރު ވެފައިވާއިރު، މިއީ ދިވެހި ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކުރުމަށް ލިބުނު އެންމެ ބޮޑު އެހީތެރިކަމެވެ. މި ހުރިހާކަމެއް ގުޅިފައި ވަނީ ވެސް ގައުމާއި ރާއްޖޭގެ ގުޅުމުގެ މައްޗަަށެވެ.

މީގެ އިތުރުން ވެސް ޖަރުމަނުވެފައި ވަނީ ރާއްޖެއާ ގާތް އެތައް ގުޅުމެއް އޮތް ޔޫރަޕުގެ ގައުމަކަށެވެ. ޖަރުމަނަކީ ރާއްޖޭގެ އެކި ދާއިރާތަކުން ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމެކެވެ.މިގޮތުން 1970އާއި 1980ގެ އަހަރުތަކުގައި ރާއްޖޭގެ ވޮކޭޝަނަލް ޓްރޭނިން ސެންޓަރު (މިހާރުގެ މޯލްޑިވްސް ޕޮލިޓެކްނިކް) އުފެއްދުމުގައި ޖަރުމަނުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި، އަވިން ހަކަތަ އުފެއްދުމުގެ މަޝްރޫއުތަކަށް ޖަރުމަނުން ދަނީ އެހީވަމުންނެވެ. އަދި ދެ ގައުމަކީ ވެސް ބައިނަލްއަގުވާމީ މައިދާނުގައި އެއްގަލަކަށް އަރާ މުހިންމު ކަންތައްތަކެއް ހިއްސާކުރާ ދެ ގައުމެވެ. މިގޮތުން އެންމެ މަޝްހޫރު ކަމަކީ ކުދި ޖަޒީރާ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ބައިނަލްއަގުވާމީ ސަމާލުކަމަށް ގެނައުމުގައި ޖަރުމަނުން ރާއްޖެއަށް އެއްބާރުލުންދެއެވެ. އަދި ރާއްޖޭގެ ޝަރުއީ ދާއިރާއާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގައި ޖަރުމަނުން އިސްދައުރެއް އަދާކުރެއެވެ.

ރާއްޖެއާ ޖަރުމަނުވިލާތާ ދެމެދު އޮތް ގުޅުން ފެނިގެންދާ އެތައް ހާދިސާއެއް ހިނގާފައިވެއެވެ. މިގޮތުން 2004 ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖެއަށް އެހީވުމުގައި ޖަރުމަނުގެ ސަރުކާރާއި އަމިއްލަ ޖަމިއްޔާތަކުން ވަރަށް ބޮޑު ދައުރެއް އަދާކުރިއެވެ.

ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު އާންމުކޮށް ހުންނަވަނީ ސްރީލަންކާގައެވެ. ނަމަވެސް، ރާއްޖެއިން ވަނީ 2016 ވަނަ އަހަރު ޖަރުމަނުގެ ބާލިންގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވާފައެވެ.

މި ހާއްސަ ގުޅުން ގާތް އިތުރަށް ގާތް ކުރަން މި ގައުމުން އިސްކަން ދެއެވެ. މީގެ ހެއްކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ޖަރުމަނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅާ އެކު ކުރިމަގުގައި ރާއްޖެއާއި ޖަރުމަނުގެ ގުޅުން ބޮޑުތަނުން ބަދަހިވެ މި ޒަމާންވީ ގުޅުމަށް ކުރިއެރުންތައް ލިބިގެންދާނެއެވެ.