ޖަޕާނުގެ އެހީގައި މާލޭގެ ކަނޑުތޮށި މަރާމާތު ކުރުމުގެ މަޝްރޫއު ފަށަނީ
ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ކަނޑުތޮށި މަރާމާތު ކުރުމުގެ މަޝްރޫއު، އެގައުމުގެ ކުންފުންޏަކާ ދިވެހި ސަރުކާރުން ހަވާލުކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މިއީ މާލެ އައިލެންޑް (ކޮންސްޓްރަކްޝަން ފޭސް) - ޕެކޭޖް 1ގެ ނަމުގައި ކުރިއަށް ގެންދާ މަޝްރޫއު ހަވާލުކޮށްފައިވަނީ ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގެ ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތައާމް މުހައްމަދެވެ. އަދި ޖަޕާނު ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕޮއިޓީ ޖެނެރަލް މެނޭޖަރު އިޒާވާ ކަންއެވެ.
މި މަޝްރޫއުގެ ދަށުން ސަލްމާން މިސްކިތް ބިއްދޮށުގައިވާ ސަރަހައްދުން ފެށިގެން ރާޅުގަނޑު ސަރަހައްދާ ހަމައަށް ތަރައްގީ ކުރާނެވެ. އެގޮތުން ރާޅުގަނޑު ސަރަހައްދުގައި ބީޗެއް ހަދައި، އެ ސަރަހައްދު ތަރައްގީ ކުރަނީ ރާޅާއެޅުންތެރިންނާއި އެކުޅިވަރަށް ހާއްސަ ސަރަހައްދެއްގެ ގޮތުގައެވެ.
މިބިސްޓްރީން ބުނީ މި މަޝްރޫއު ވެގެންދާނީ ޖަޕާނު ސަރުކާރުން މާލެ ވަށައިގެންވާ ކަނޑުތޮށި ހެދުމުގެ މަޝްރޫއު ހިންގި ފަހުން މާލޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްއޫއަށް ކަމަށެވެ.
މި މަޝްރޫއުގެ އަގަކީ 700 މިލިއަން ޖަޕަނީސް ޔެން ނުވަތަ ގާތްގަނޑަކަށް 4.8 މިލިއަން ޑިލަރެވެ.
ޖަޕާނު ސަރުކާރުން މާލޭގެ ކަނޑުތޮށި އަޅައިދީފައި ވަނީ 1987 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ބޮޑު ރާޅުގެ ކާރިސާގައި މާލެއަށް ލިބުނު ގެއްލުންތަކަށް ފަހު، ރާއްޖޭން އެގައުމުގެ އެހީއަށް އެދުމުންނެވެ. އެ މަޝްރޫއު 1987 އިން 2002 ވަނަ އަހަރަށް އެގައުމުން ކޮށްދީފައިވެއެވެ.

