ޚަބަރު

ތަކުރާރުކޮށް ސްކޭމްކުރާ މައްސަލައިގައި ހައްޔަރުކުރި ނަދީފްގެ ބަންދު 25 ދުވަހަށް އިތުރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ތަކުރާރުކޮށް ސްކޭމްކުރާ މައްސަލައިގައި ހައްޔަރުކުރި ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުހައްމަދު, 36.ގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

Ads by Allied

މިދިޔަ ޑިސެމްބަރު މަސް ނިމެން އުޅެނިކޮށް ނަދީފް ހައްޔަރުކުރީ ވިޔަފާރިކުރާ މީހަކަށް ކަސްޓަމަރެއްގެ ގޮތުގައި ގުޅައި އޯޓީޕީ ހޯދައިގެން ބޭންކް އެކައުންޓް ހެކުކުރި މައްސަލައެއްގައެވެ.

އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި އިރު ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ނަދީފް އިތުރު 25 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުން ނަދީފް ވަނީ 29،600އަށް ވުރެ ގިނަ ފައިސާ އެހެން މީހެއް އެކައުންޓަށް ޖަމާކޮށް، އެކިފަހަރު މަތިން 24،700 ރުފިޔާ އޭޓީއެމް މެދުވެރިކޮށް ނަގާފައެވެ. އަދި 4900އަށް ވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު އެފައިސާތައް ނަގާފައިވާކަން ވެސް އެނގިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

އޭގެ އިތުރުން އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ނަގައިގެން އޭޓީއޭމް މެދުވެރިކޮށް ސްކޭމްގެ ފައިސާ ނަގަމުންދާ މީހެއްކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!