ރަމަޟާން މަހުގެ ބިލު 400 ރުފިޔާއަށް ވުރެ ބޮޑެއް ނުވާނެ: ސްޓެލްކޯ
މި އަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލު 400ރުފިޔާއަށް ވުރެ ބޮޑު ނުވާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަމަޟާން މަހުގެ ކަރަންޓު ބިލަށް ޚާއްޞަ ޑިސްކައުންޓެއް ދިނުމަށް ނިންމަވާފައިވާތީ މި ރަމަޟާން މަހަށް ގޭބިސީތަކަށް އަންނާނީ ވަކި ބިލެއް ކަމަށެވެ.
މީގެއިތުރުން ސްޓެލްކޯއިން ބުނީ، ރަމަޟާން މަހަށް ތައްޔާރުކުރާ ވަކި ބިލުގެ ރީޑިންގ ނެގުމުގެ މަސައްކަތް މި ފެބުރުވަރީ މަހުގެ 16އަދި 17ވަނަ ދުވަހު ކުރިއަށްދާނެ ކަމަށާއި މި މަސައްކަތަށް ހުރިހާ ކަސްޓަމަރުން ވެސް އެ ކުންފުންޏަށް އެއްބާރުލުން ދެއްވުން އެދޭ ކަމަށެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭން ނިންމެވުމުގެ އިތުރުން ކޮންމެ ގޭބީސީއަކަށް މަސް ދަޅު ކޭހެއް ވެސް ރައީސުލްޖުމްހޫރިއްޔާ ހަދިޔާކުރައްވައެވެ. އަދި ސަރުކާރުން ގެންދަވަނީ ކާބޯތަކެތީގެ އަގުތައް ވެސް އުފުލުނަނުދީ ހަމައަގުގައި ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވަމުންނެވެ.

