ޚަބަރު

ސިނަމާލެ އަދި މާލެހިޔާގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްޞަ އިނާޔަތެއްދޭން ރައީސް ނިންމަވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ސިނަމާލެ އަދި މާލެހިޔާގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްޞަ އިނާޔަތެއްދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

Ads by Allied

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައި އިއްޔެ ހަވީރު ސިނަމާލެ އަދި މާލޭހިޔާގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލު ކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އެ މަނިކުފާނު ވަނީ އަޑުއައްސަވައިފައެވެ. އަދި މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އެ ފްލެޓްތަކުގެ ޙާލަތާއި، ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ވެސް ވަނީ ރައީސްއަށް ހުށަހަޅާފައެވެ.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފްލެޓްތަކަށް މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދެއްވުމަށާއި ފްލެޓްތައް ބައުވެ، ސްޓްރަކްޗަރ ހަލާކުވެފައިވާތީ، އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް، މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 100،000ރުފިޔާ ދެއްވުމަށް ނިންމަވާފައެވެ.

ފްލެޓްތައް މިލްކުކުރުމަށް ފައިސާ ދައްކާ ޚަލާސްކޮށްފައިވާ ފަރާތްތަކަށް 100،000 (އެއްލައްކަ)ރުފިޔާ އެއްކޮށް، އެ ފްލެޓެއްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.

އެހެންކަމުން މި އިނާޔަތް ދިނުމުގައި ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަން ޖެހޭ ޖުމުލަ ޢަދަދު 100،000ރުފިޔާއަށް ވުރެ ބޮޑުވާ ނަމަ، 100،000ރުފިޔާއާ ހަމައަށް އުނިކުރެވޭނެއެވެ. އަދި ފްލެޓަށް ދައްކަން ޖެހޭ ޖުމުލަ ޢަދަދު 100،000 (އެއްލައްކަ)ރުފިޔާއަށް ވުރެ ކުޑަނަމަ، އެ މިންވަރެއް މަޢާފުކޮށްދެއްވުމަށް ފަހު، މި އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރެވޭނެ ގޮތަށް ވެސް ވަނީ ނިންމަވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!