ޚަބަރު

ނަގުދު ފައިސާއާއި ކޭޝްކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ފިތުރު ޒަކާތް ބަލައިގަންނަނީ / ފޮޓޯ:ޒަކާތު ހައުސް

އޮންލައިންކޮށް ޒަކާތް ދައްކަން އަހުލުވެރި ނޫން މީހުންނަށް ހާއްސަކޮށް، ނަގުދު ފައިސާއާއި ކޭޝްކާޑުން ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

Ads by STELCO

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކޮށްފައިވާ ކައުންޓަރުތަކުން މިއަދު ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.

އެ ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 9ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން 13:00އަށެވެ. އަދި އަންނަ މަހުގެ 10-19އަށް ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00އިން 14:00އަށެވެ.

ޒަކާތު ހައުސްއިން ބުނީ އަތޮޅުތެރޭގެ ރަށްރަށުގައި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތަކުން ފިތުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ކައުންސިލް އިދާރާއަށް ކަމަށެވެ. އަދި ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލްތަކުން ބޭނުންކުރާނީ އެކަމަށް ޓަކައި ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ފިތުރު ޕޯޓަލްއަށް ކަމަށްވެސް ބުންޏެވެ.

ނަގުދު ފައިސާ އާއި ކޭޝްކާޑުން ޒަކާތް ބަލައިގަންނަން މިއަދު ފެށިއިރު، ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ދަނީ ޒަކާތް ބަލައިގަންނަމުންނެވެ. އެގޮތުން ޖުމްލަ 7 ޕޯޓަލްއެއް މެދުވެރިކޮށް މިއަހަރު ޒަކާތް ދެއްކޭނެއެވެ. އެއީ؛

  • ދިރާގު މޯބައިލް އެޕާއި ދިރާގު ޕޭ ވެބްސައިޓް
  • އުރީދޫ އެމް ފައިސާ މޯބައިލް އެޕް
  • މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
  • ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެފް
  • ފަހިޕޭ މޯބައިލް އެފް
  • އަވަސް މޯބައިލް އެފް
  • ބަނޑޭރި ޕޭ މޯބައިލް އެފް

މީގެ ތެރެއިން ބަނޑޭރި ޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރޯދަ މަސް ނިމެންދެން ޒަކާތް ދެއްކޭނެއެވެ. އެހެން ޕޯޓަލްތަކުން ޒަކާތް ދެއްކޭނީ ރޯދަ މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 6:00އާ ހަމައަށެވެ.

މި ރޯދަ މަހު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު

  • އާދައިގެ ހަނޑޫ: 12ރ.
  • ތައިލެންޑް ހުދު ހަނޑޫ: 53ރ.
  • ރަތް ހަނޑޫ: 96ރ.
  • ބާސްމަތީ ހަނޑޫ (އާދައިގެ): 77ރ.
  • ބާސްމަތީ ހަނޑޫ (މޮޅު): 109ރ.
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136ރ.
  • އާދައިގެ ފުށް: 10ރ.
  • އާޓާ ފުށް: 75ރ.