އެމްބިއުލެންސަށް މަގު ނުދެއްކި ޑްރައިވަރުގެ މައްސަލަ ބަލަނީ
އެމްބިއުލެންސަށް މަގު ނުދެއްކި ޕިކަޕު ޑްރައިވަރުގެ މައްސަލަ ބަލަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.
އެމްބިއުލެންސްއެއް ސައިރަން އަޅަމުން ދިޔައިރު ވެސް ޕިކަޕެއް މަގު ނުދައްކާ އޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުން ސައިރަން އަޅަމުން ދިޔައިރު ވެސް އެކަމަށް ސަމާލުކަމެއް ނުދީ ޕިކަޕުން ދިޔައީ މުދާ ބާލަމުންނެވެ.
އެހެންވެ އެމްބިއުލެންސްއަށް ކުރިއަށް ދެވޭ ގޮތް ނުވެ މަގުގައި ތާށިވެފަައި އޮތް އިރު ޕިކަޕުގެ ފަހަތުގައި އޮތް އެހެން ވެހިކަލްތަކަށް ވެސް ނުދެވިގެން ބަރުގޮނު އަޅާ އަޑު އިވެއެވެ.
އެމްބިއުލެންސްއަށް ދިއުމުގެ ފުރުސަތު އެންމެ ފަހުން ލިބުނީ ޕިކަޕުން މުދާ ބާލައި ހުސްކުރި ފަހުންނެވެ.
އެ މައްސަލައާ ގުޅިގެން "ދެން"އިން ސުވާލުކުރުމުން ޓްރާސްޕޯޓްގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ޕިކަޕު ޑްރައިވަރު ހާޒިރުކޮށް މައްސަލަ ބަލާނެ ކަމަށެވެ. އަދި ފުރަތަމަ ފަހަރު އޮންނާނީ ނަސޭޙަތް ދިނުން ކަމަށާއި ލައިސަންސް ހިފަހެއްޓުން ފަދަ އަދަބެއް ދޭނީ އެކަން ތަކުރާރުވާ ހާލަތެއްގައި ކަމަށެވެ.

