ޖަލުގައި ހުރެގެން ސްކޭމް ހިންގި މީހަކަށް އެހީވި މީހަކު ބަންދުކޮށްފި
ޖަލު ބަންދުގައި ހުރެގެން ސްކޭމްކޮށްގެން ފައިސާ ހޯދަން އުޅުނު މީހަކަށް އެހީތެރިވިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އައްޑޫ ސިޓީގެ ހިތަދޫއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިއްޔެ ނެރުނު އަމުރުގައި ބުނީ، މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތް ކުރުމަށް ޖަލުން ގުޅާފައިވާ މީހަކަށް އޭނާ އެއްބާރުލުން ދީ، ފައިސާ ރޯލްކުރާނެ ރައްޓެހިންގެ އެކައުންޓްތައް ހޯދައިދީފައިވާ ކަމަށެވެ.
ސްކޭމްގެ މައްސަލައިގައި މުއާމަލާތް ކޮށްފައިވާ ފޯނުގެ އައިއެމްއީ ނަންބަރު ވެސް ދިމާވާ ކަމަށާއި ފައިސާ ނެގުމުގައި ފޯނާ ހަވާލުވުމުގެ މުއާމަލާތުގައި އޭނާ ބައިވެރިވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ވެސް ފެނިފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައިވެއެވެ.
މި މައްސަލައިގައި އޭނާ 30 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވެއެވެ. އެމީހާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.


